''ގުރުއާން ޓީޗަރުންނަށް ރާއީ ކުރި ތުހުމަތު ސާބިތެއް ނުކޮށްދެވުނު''
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕް ކުރުމުގައި އެންމެ ގިނައީ ގުރުއާން ޓީޗަރުންކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ދެއްކެވި ވާހަކަ ސާބިތުކޮށެއް ނުދެވުނެވެ.
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ގޮވާލައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި ރޭޕްގެ މައްސަލަތަކައި ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައީ ގުރުއާން ޓީޗަރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނާނެ، އަޅުގަނޑުމެން ހަގީގަތް ގަބޫލުކުރަން ހިނގާ.. މިހާރުވެސް ގޮއްސަ ޕޮލިސް ރިޕޯޓުތައް ބަލައިލާ. ހަމަ އެންމެ ގިނައިން ކުޑަކުދިންނާ، އެއީ އަންހެންވިޔަސް ފިރިހެންވިޔަސް ބެހިފައިހުންނާނީ ޤުރުއާން ޓީޗަރުން". ރާއީ ވިދާޅުވިއެވެ.
ރާއީ އެހެން ވިދާޅުވި ނަމަވެސް ކުޑަކުދިންނާ ގުޅޭ އެފަދަ މައްސަލަތަކުގައި އެކުދިންނަށް އަނިޔާދޭ ފަރާތްތައް ނިސްބަތްވަނީ ކޮން ވަޒީފާއެއް ނުވަތަ ކޮން މަސައްކަތެއް ކުރާ ފަރާތްތެއްކަން ފުލުހުން އެއްވެސް އިރަކު ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލާގައި "ވޮއިސް" އިން ފުލުހަށް ގުޅުމުން ވަނީ އެފަދަ ގޮތަކަށް ތަފާސް ހިސާބު ޢާންމުނުކުރާކަމަށް ވިދާޅުވެފައެވެ.
ޖެންޑާ މިނިސްޓްރީންވެސް ކުޑަކުދިންނާއި ބެހޭ މައްސަލަތަކުގައި ކުށްކުރާ ފަރާތްތައް އަދާކުރާ ވަޒީފާ ހާމަކޮށްފައިނުވެއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ފަރާތްތަކުގެ އޮންލައިން ދަފްތަރުގައި ވެސް އެފަދަ މައުލޫމާތެއް ނުހިމެނެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެގޮތަށް އަމަލުކުރަނީ މީހާގެ ވަނަވަރު ހާމަކޮށްފިނަމަ، މުޖުތަމައަށް ކުއްޖާ އެނގި، އޭގެ ސަބަބުން އެކުއްޖާގެ ހައްގުތަކެއް ގެއްލިގެންދާތީ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ތެރޭގައި ގުރުއާން ޓީޗަރުން ގިނަކަން ރާއީއަށް އެނގުނީ ކިހިނެއްކަމެއް އޭނާއަށްވެސް ނޭނގެއެވެ.
އެމައުލޫމާތު ރާއީއަށް ލިބުނީ ކޮންގޮތަކުންތޯ ބެލުމަށް ''ވޮއިސް'' އިން ގުޅުމުން ރާއީ ވިދާޅުވީ، ނޫސްތަކުގައި ލިޔެފައި ހުންނާނެ ކަމަށެވެ. އެހެންވެ ނޫސްތައް ބެލުމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާގައި ރާއީ ވަނީ ފުލުހުންގެ ހިސާބުތަކަށް ހަވާލާދީ ވާހަކަދައްކާފައެވެ.
ކޮންތަނަކުން ހޯދި މައުލޫމާތުތަކެއްތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ރާއީ ވިދާޅުވީ ނޫސްތަކުގެ ސުރުހީތަކުން އެނގެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން މަޖިލީޙުގައި މިއަދު ދެއްކެވި ވާހަކައިގައި، ރާއީ ވަނީ މިހާރު ރައްޔިތުން ދީނީ އިލްމުވެރިންގެ ބަސް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައިވެސް ރަނގަޅު ދީނީ އިލްމުވެރިން ތިބި ކަމަށާއި، އަދާލަތު ޕާޓީ އޮތީ ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި ކަމަށްވާއިރު، މަޖިލީސް ތެރޭގައި ކަމެއް ގޯހުން ދާނަމަ އެކަމާއި ގުޅިގެން ނެރެންޖެހޭ ރައުޔެއް ނެރޭނީ އަދާލަތުން ކަމަށްވެސް ރާއީ ވަނީ ވިދާޅުވެފައެވެ.
ރާއީ ވިދާޅުވީ ޖުއްބާލައިގެން ފަގުޑި އަޅާފައި ނެތަސް އެމީހަކީ ޣައިރު މުސްލިމަކަށް ނުވާނެ ކަމަށެވެ. ރާއީ ވަނީ ދީނީ ތޮފި އަޅައިގެން ނުތިބެ، މަޖިލީހަށް ވާދަކުރުމަށްވެސް ދީނީ އިލްމުވެރިންނަށް ގޮވައިލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް