އާރުޑީސީން މަހިބަދޫ މަގުހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފި
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން އދ. މަހިބަދޫ މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
މަހިބަދޫ މަގުހެދުމުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން މަހިބަދޫ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއު އަށް ޖުމުލަ 42,765,652.08 ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި މަސައްކަތް ނިންމަން އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މަގުހެދުމުގެ މަސައްކަތްކުރަމުންކަން ފާހަގަކޮށްލަންޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް