މިހާރު މަސައްކަތްކުރަނީ ދެ ހެލިކޮޕްޓަރޭ ކިޔައިގެން ވެރިކަން ނިގުޅައިގަންނަން: އިބްރާހިމް ދީދީ
މިހާރު އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ދެ ހެލިކޮޕްޓަރޭ ކިޔައިގެން ވެރިކަން ނިގުޅައިގަތުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މެންބަރ އިބްރާހިމް ދީދީ މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން "އެޖެންޑާ 19" އައްޑޫ ސިޓީގައި ލޯންޗްކުރުމަށް އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ އޭރު ދީނާ ގައުމޭ ކިޔައިގެން އުޅުނު އިިދިކޮޅު ފަރާތްތަކުން، މިހާރު މިދަނީ ދެ ހެލިކޮޕްޓަރޭ ކިޔައިގެން ވެރިކަން ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންކަމަށެވެ. އަދި ހަގީގަތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަކީ، ރައްޔިތުންގެ ނަމުގައި ކަމަށް ބުނެ ދެތިން މީހަކު ބޭނުންވާ ގޮތަށް ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރަން އުޅުން ކަމަށެވެ.
މެންބަރ އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ ރައީސް ސޯލިހު މި ގައުމުގެ ވަލިއްޔުލްއަމުރަކަށް ވެވަޑައިގެން ފަހުން އަދި ކިރިޔާ މިވީ ތިން މަސް ދުވަސްކަމަށެވެ.
ނަމަވެސް ރާއްޖޭގެ ރައްޔިތުން އަނެއްކާވެސް އަޑުއަހަމުން މިދަނީ މީގެ ހަތް އަހަރު ކުރިން އަޅުގަނޑުމެން ދެކުނު ނާމާން ދުވަސްތަކަށް މަގުފަހި ވެގެން ދާކަހަލަ ފާޑު ފާޑުގެ އަޑުތައްކަމެއްކަމަށް އިބްރާހިމް ދީދީ ފާހަގަކުރެއްވިއެވެ. އަދި ގާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން ރައީސް ކަންތައް ކުރައްވާހާ ހިނދަކު، ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް