ދާއިރާއަށް އެންމެ ރަނގަޅު މީހާގެ ގޮތުގައި އިއްބެ މަޖިލީހަށް!
ރާއްޖޭގެ ތަރައްގީ ކުރުމުގައި ކޮންމެ ސަރުކާރަކުންވެސް ގެންގުޅުނު ސިޔާސަތުތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ވެރިކަން ކުރާ ރަށް މާލެއަކީ ތޮއްޖެހި ނޭވާނުލެވޭ ހާލުގައި ގިނަބަޔަކު އުޅެންޖެހޭ ތަނަކަށް ވެގެންދިޔުމެވެ. އިގްތިސާދީ އަދި އިޖްތިމާއީ އެތަކެއް މައްސަލަތަކެއްގެ ޝިކާރައަކަށްވެ، މާލެއަކީ އުފަލެއް ނެތް ކޮއްޓަކަށް ވެެގެންދިޔުމެވެ. މިކަމުގައި މާލޭގެ މައްޗަންގޯޅި އަވަށްވެސް އިސްތިސްނާ ނުވާއިރު، އެ އަވަށުގެ މައްޗަންގޯޅި މެދު ދާއިރާއަކީ މިކަމުގެ މިސާލެކެވެ.
ނަމަވެސް އަޑުކެނޑިފައިވާ މައްޗަންގޯޅިއާއި މައްޗަންގޯޅި މެދުގެ އަޑު މަޖިލީހުގައި ގުގުމާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އިގްތިސާދީ، އިޖްތިމާއީ އަދި އިސްލާމީ ނޫރުން ދާއިރާ އުޖާލާކޮށް އެ ދާއިރާއަކީ އުފާވެރި ދާއިރާއަކަށް ވުމުގެ އުއްމީދުގެ މަލަމަތި މިވަނީ ފެންނަން ފަށާފައެވެ. އެއީ، ދާއިރާގެ ރައްޔިތެއްގެ ގޮތުގައި ދާއިރާއަށް އެންމެ ރަނގަޅު ކެނޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާ އައްޝައިޚް އިބްރާހިމް މުހައްމަދު، ނުވަތަ އިއްބެގެ މާލިމީކަމުގެ ދަށުންނެވެ.
މއ.ބާބުލްއަވާލީ އައްޝައިޚް މުހައްމަދު އިބްރާހިމް އަދި އައިމިނަތު މުހައްމަދުގެ ކައިވެންޏަށް ލިބިވަޑައިގެންނެވި ބާރަ ބޭފުޅުންގެ ތެރެއިން ދެވަނަ ބޭފުޅާ ކަމުގައިވާ ޝައިޚް އިބްރާހިމް އަކީ ޅަފަތުގެ ދުވަސްވަރުން ފެށިގެން މައްޗަންގޯޅި މެދު ދާއިރާގައި އުޅެބޮޑުވެ، އެ ދާއިރާގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
އިއްބެގެ ތައުލީމީ ހަޔާތުގެ މައިގަނޑު ބިންގާ އެޅިފައިވަނީ ސާނަވީ ތައުލީމަށް އަަރަބިއްޔާ ސްކޫލަށް ވެދެވަޑައިގަތް ހިސާބުންނެވެ. އަރަބިއްޔާ ސްކޫލުން އިސްލާމީ ތައުލީމަށް ޖެހިވަޑައިގެންނެވި ލޯބި ދޫނުކުރައްވާ، އެބޭފުޅާ ވަނީ ޕާކިސްތާާނުގެ ސަލަފިއްޔާ އިސްލާމިކް ޔުނިވަރސިޓީންވެސް މަތީ ތައުލީމް ހާސިލްކުރައްވާފައެވެ. އިއްބެ ވަނީ އެ ޔުނިވަރސިޓީގައި އިސްލާމީ ޝަރީއާ އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައެވެ.
މީގެ އިތުރުން އިއްބެގެ އަތުގައި ކޮމްޕިއުޓަރ ސައިންސް އަދި އިކޮނޮމިކްސްގެ ދާއިރާއިން އިންޑިޔާގެ ތައުހީދު ޔުނިވަރސިޓީގެ ޑިޕްލޮމާއެއްވެސް އޮވެއެވެ.
ޝައިޚް އިބްރާހިމް އަކީ ގައުމަށް މިހާތަނަށް ގިނަ ދާއިރާތަކުން ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިއްބެ ވަނީ ރާއްޖޭގެ ބިޔަ ވިޔަފާރި ކުންފުންޏެއްކަމުގައިވާ އެލިޔާ އިންވެސްޓްމަންޓްގެ ބިޒްނަސް ޑިވެލޮޕްމެންްޓް މެނޭޖަރގެ މަގާމު ފުރުއްވާފައެވެ. އަދި ގައުމުގައި އިސްލާމްދީނުގެ ހިދާޔަތު ފެތުރުއްވުމަށްޓަަކައި އިއްބެ ވަނީ ވަރަށް ގިނަ ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތައް މެދުވެރިކޮށް ދީނީ މައުލޫމާތު ދެއްވާފައެވެ. އަދި އިއްބެ ވަނީ 2006 އަދި 2007ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގައި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދީ، 2010 ވަނަ އަހަރު މަދަނީ އިއްތިހާދު އުފެއްދުމުގައިވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އިއްބެ ވިދާޅުވީ މަޖިލީހަށް ކުރިމަތިލާން ނިންމީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް، އެބޭފުޅާ އުޅެ ބޮޑުވި ދާއިރާ، މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނަށް ހައްޤުވާ މިންވަރު ހޯއްދަވައިދެއްވުމަށްކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލިސް އިންތިޙާބު، ކާމިޔާބު ވެ ވަޑައިގެންފި ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދާއިރާގައި އެންމެ ނިކަމެތި ޙާލު ދިރިއުޅުއްވަމުންގެންދަވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމާއި، ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނާއި އަބަދުވެސް ބައްދަލުވެ، ރައްޔިތުންގެ މަދަދުގާރެއްގެ ގޮތުގައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު މަސައްކަތް ކުރެއްވުމަކީ އިބްރާޙިމްގެ އެއް ވަޢުދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް