މާބަނޑު އަންހެނުން ދެމީހުންނަށް ވާވަރަށް ކާކަށް ނުޖެހޭ
މާބަނޑު އަންހެނުން ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.
ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަށްޓަކައި މާބަނޑު ކޮންމެ އަންހެނަކުވެސް ސިއްހީ ގޮތުން ފައިދާ ހުރި ކެއުމުގެ ބާވަތްތައް ޑައިޓުގައި ހިމަނަން ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.
އެހެންނަމަވެސް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތަށް މާބަނޑު އަންހެނުން ދެމީހުންނަށް ވާ ވަރަށް ކާކަށް ނުޖެހެއެވެ. ގިނަ ދިވެހިންވެސް ގަބޫލު ކުރަނީ ތުއްތު ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ބައިތައް ލިބޭނީ މައިމީހާ ދެމީހުންނަށް ވާވަރަށް ކެއުމުން ކަމަށެވެ. އެހެންނަމަވެސް އެއީ ކުށްހީއެކެވެ. މާބަނޑު ދުވަސްވަރު ޑައިޓަށް 300 ކެލަރީ އިތުރު ކުރުމުން، މާބަނޑު އަންހެން މީހާގެ ބަރުދަން އިތުރު ވާނީ އެންމެ އެކަށީގެންވާ މިންވަރަށެވެ.
އެކި އަންހެނުންނަށް ބަރުދަން އިތުރު ކުރަން ޖެހޭ މިންވަރު ތަފާތު ވެއެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ، ތިބާގެ ބަރުދަން އިތުރު ކުރަންޖެހޭ ވަރާއި ބެހޭ ގޮތުން ގައިނޮކޮލޮޖިސްޓަކާއި ސުވާލު ކުރުމެވެ. އެންމެ ފުރަތަމަ ޓްރައިމެސްޓަރ ނުވަތަ ތިންމަހުގައި 1 ނުވަތަ 2 ކިލޯ އިތުރު ވުމަކީ އެކަށީގެންވާ ވަރެކެވެ. އަދި ވިހަން ވަންދެން ކޮންމެ ދެހަފްތާއަކުން ކިލޯއެއް އިތުރު ކުރުމުންވެސް ރަނގަޅު ވާނެއެވެ. އެހެންނަމަވެސް، ބައެއް އަންހެނުންނަށް ހަފްތާއަކު ބައި ކިލޯ އިތުރު ވުމުންވެސް ބޭނުންވާ ވަރަށް ބަރުދަން އިތުރު ކުރެވެއެވެ. ތިބާއަށް ލިބެނީ ޓްވިންސް ނޫންކަމަށް ވާނަމަ، މުޅި ޕްރެގްނެންސީގައއި 15 ނުވަތަ 18 ކިލޯ އިތުރުވުންވެސް މައް×ސަލައެއް ނޫނެވެ.
މާބަނޑު ދުވަސްވަރު ބަރުދަން އިތުރުވާވަރު ރަނގަޅަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، މައިމީހާގެ ބަރުދަނުގެ ސަބަބުން، ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށްވެސް އަސަރު ކުރާނެތީއެވެ. ބަނޑުބޮޑުވާއިރުގައި ބަރުދަން މާބޮޑަށް އިތުރުވެއްޖެ ނަމަ، މާބަނޑު ދުވަސްވަރުގައި ސްޓްރިކްޓް ޑައިޓެއް ފޮލޯ ކުރަން ޑޮކްޓަރުން އިރުޝާދު ދެނީ އެހެންވެގެންނެވެ.
ތިރީގައި މިވަނީ މާބަނޑު އަންހެނެއްގެ ބަރުދަން ބެހިފައިވާ ގޮތް ދައްކުވައިދޭ މިސާލެކެވެ.
ކުޑަ ދަރިފުޅު: ގާތްގަނޑަކަށް 3.5-3 ކިލޯ
މަސް: 1.5-1 ކިލޯ
އެމްނިއޯޓިކް ފްލުއިޑް ނުވަތަ ފެން: 1.5-1 ކިލޯ
އުރަމަތީގެ ޓިޝޫ: 1 ކިލޯ
ލޭގެ ސަޕްލައި: 2 ކިލޯ
ރަހިމު: 2.5-1 ކިލޯ
ވިހެއުމާއި ކިރު ދިނުމަށް ހުންނަ ފެޓްސް: 4-2.5 ކިލޯ
މާބަނޑު ދުވަސްވަރު މާބޮޑަށް ބަރުދަން އިތުރު ވިޔަ ނުދީ ހިފެހެއްޓުމަކީ، މައިމީހާ އަދި ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް