ޚިޔާނާތުގެ ނަގުދު ފައިސާ ނެގި ފަރާތްތައް ހާމަކުރާތީ އިދިކޮޅުން ކަންބޮޑުވެއްޖެ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ނަގުދު ފައިސާ ލިބުނުކަމަށް ބުނާ ފަރާތްތަކުގެ ލިސްޓެއް ހާމަކުރަން އުޅޭތީ، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލިސ އިންތިޚާބާއި ދިމާކޮށް ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ނަގުދު ފައިސާތައް ލިބުނު ފަރާތްތަކުގެ ލިސްޓެއް އާންމުކުރުމަށް ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަދި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި އަދުރޭ ސިފަކުރެއްވިއެވެ. އެ ލިސްޓްގައި 80 އެއްހާ ފަރާތްތައް ހިމެނޭކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ، ވިދާޅުވީ، މި ލިސްޓްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި ރައީސް ޔާމީންގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ގިނަ ކެނޑިޑޭޓުންގެ ނަންތައް އެ ލިސްޓްގައި ހިމަނާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ލިސްޓް އާންމު ކުރުމުގެ ކުރިން ކުރަންޖެހޭ މަޝްވަރާތަކެއް ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމާއި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިނގިރޭސީ ވިލާތަށް ވަޑައިގެންފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް