ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފި
މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ އެމަނިކުފާނުގެ ބަލިހާލަތު ހުރިގޮތުން ގޭބަންދަށް ބަދަލުކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅަށް ގެންގޮސްފައެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވާއިރު އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ވަނީ އިއްޔެ ނިންމާލާފައެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް