ދުވަން ނުކުމެ އުޅުނު އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި މިއަދު ހެނދުނު ދުވަން ނިކުމެ އުޅެނިކޮށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ދުވުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން)ގެ ކަރުގައި އަޅާފައި އޮތް ރަން ފަށެއް ފޭރިގެންފިއެވެ.
މިކަމާއި ގުޅޭގޮތުން މާޔަން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު ގާތްގަނޑަކަށް 06:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ހުންނަ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އަދި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެންފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށާ އެ ފަށް ވިއްކަން އެއްވެސް މީހަކު އުޅޭނަމަ ނޫންނަމަ އެ ފަށް އަޅައިގެން ހުރި މީހަކު ފެނިއްޖެނަމަ އަންގާލަދިނުމަށް އެދި ފަށުގެ ފޮޓޯއެއްވެސް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން 'ވޮއިސް' އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިއަދު ހެނދުނު 6:20 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް