ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު އާންމުންނަށް ހުޅުވައިލަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި އެ ސަރަހައްދުގެ މަގު މިއަދު ހަވީރުން ފެށިގެން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަމަވެސް މަގު ހުޅުވައިލި ކަމުގައި ވިޔަސް ބައެއް ކުދި މަސައްކަތްތައް އަދިވެސް ނުނިމި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ. ހަމައެއާ އެކު ސިޑިތައް ފާހަގަކޮށް ސަމާލުކަމަށް ގެނައުމަށްޓަކައި ރަތް ކުލައިގެ ދަވާދު ލައިފައިވާ ކާބް ސްޓޯން ސިޑިތައް ކައިރީގައި ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަލަށް ތަރައްގީ ކުރެވުނު ބައިގައި މަގުގެ ދެފަރާތް ފެހި ކުރުމަށް ގަސް އިންދުމާއި ދިވެހި ރުއް އިންދުމުގެ މަސައްކަތްވެސް ދާދިފަހުން ވަނީ ސަރުކާރާއި ކުންފުނިތަކުން ކޮށްފައެވެ.
ބޮޑުތަކުރުފާނު މަގުގެ މި ބައި ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފަށާފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް