އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން ގޮންޖެހީބާ؟
2018ވަނަ އަހަރުގެ ކުރީކޮޅަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާން ވަރަށް ބޮޑަށް ނުތަނަވަސްވެގެންދިޔަ ދަނޑިވަޅެކެވެ. ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރަކާއި އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގައުމުގައި އޭރުވެސް އޮތް ސިޔާސީ ހަމަނުޖެހުން އިތުރަށް ހޫނުވެގެންދިޔައެވެ. މި ނުތަނަވަސްކަމުގެ އަލިފާންގަނޑުގެ ހުޅުކޮޅު އިތުރަށް ވަރުގަދަވެގެންދިޔައީ އެމަހުގެ ފަހުކޮޅު މީޑިޔާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ހާދިސާއަކުންނެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 24ވަނަ ދުވަހުގެ ރޭ ދަންވަރު، ޗައިނާގެ ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް އާދަޔާ ޚިލާފު ހަރަކާތެއް ފެނުނީއެވެ. ކަނޑުމަތީގައި ބައްތި ދިއްލަައިގެން ދިވެހިރާއްޖޭގެ ދިދަ ޖެހި ބޯޓެއްކަމުގައިވާ ޝިން ޔުއާން 18އިން އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރެއްކަމުގައިވާ ޗޮން މާސަންއަށް ތެޔޮ ބަދަލުކުރަމުން ދިޔައީއެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނަކުން މި ހާދިސާ އާންމުކުރުމާއި އެކު، ރާއްޖޭގެ މަޝްރަހު އިތުރަށް ކެކިގަނެގެން ދިޔަފަދައެވެ. އުތުރު ކޮރެޔާފަދަ އަނިޔާވެރި އަދި މުޅި ދުނިޔެއިން ބާކީކޮށްފައިވާ ގައުމަކާއި އެކު ދިވެހި ދިދަ ޖެހި ބޯޓަކުން މުއާމަލާތްކުރާނީ ސަރުކާރުގެ އަތެއް އޮވެގެންކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި ދިދަ ޖެހި މި ބޯޓުން ހިންގި އަމަލަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފަށް ހިންގި އަމަލެކެވެ. މި ބޯޓުން ތެޔޮ ފޯރުކޮށްދިން އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރަކީ، އޭގެ މައްޗަށް އެމެރިކާގެ ސަރުކާރުންވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޯޓެއްކަމަށް އޭރު ވަނީ ހާމަވެފައެވެ.
އެހެނަސް، މި މައްސަލައިގައި ދައުލަތުގެ ފަރާތުން މީހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ދައުވާ އުފުލުނެވެ.
ފަހުމީ ހައްޔަރުކުރުމާއި ޓެރަރިޒަމްގެ ދައުވާ:
އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރަކަށް ދިވެހި ދިދަ ޖެހި ބޯޓަކުން ތެޔޮ ފޯރުކޮށްދިން ކަމުގައިިވިޔަސް، އެ ބޯޓަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރކޮށްފައި އޮންނަ ބޯޓެއް ނޫންކަމަށް ސަރުކާރުން ދިޔައީ އެ މައްސަލަ ތިލަވި ފުރަތަމަ ދުވަހުން ފެށިގެން ބުނަމުންނެވެ.
އިސާހިތަކު މި މައްސަލައާއި ގުޅިގެން ދިވެއްސަކު ހައްޔަރުކުރިއެވެ. އަބްދުﷲ ފަހުމީ ނަމަކަށް ކިޔާ ގދ.މަޑަވެއްޔަށް ނިސްބަތްވާ މި ފަރާތަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން ދިޔަ ފަރާތެކެވެ.
މި މައްސަލައާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކުން އެދުވަސްވަރު އާންމުކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި ފަހުމީ ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ތައްޔާރުކުރުމަށްފަހު، އެ އޮތޯރިޓީގައި ކުރިން މަސައްކަތްކޮށްފައިވާ އިސް ފަރާތެއްގެ ނަމުގައި އީމެއިލް އެޑްރެހެއް ހުޅުވައި، އެ މެއިލް އެޑްރެހުގެ ޒަރިއްޔާއިން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވާފައިވާއެވެ. އެގޮތުން ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓަރ ކޮށްފައިނުވާ ބޯޓަކަށް ސައްހަ ނޫން ކޯލް ސައިންތަކެއް ފޮނުވަން އެދި، އެ ބޯޓުގައި ދިވެހި ދިދަ ބޭނުންކޮށްފައިވާކަމުގެ ތުހުމަތު ފަހުމީގެ މައްޗަށް އުފުލުނެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް އުފުލުނު އެއް ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އެ ފަދަ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. ސަބަބަކީ ފަހުމީގެ އެހީގައި އޮޅުވާލައިގެން ދިވެހި ދިދަ ޖެހި ބޯޓަކުން، ދެކުނު ކޮރެޔާގެ ބޯޓަކާއި އެކު ވިޔަފާރިކުރުމަކީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކުގެ ކުރުން މަނާކޮށްފައިވާ ކަމަކަށް ވާތީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދިވެހި ތާރީޚުގައިވެސް، އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ދެކޮޅު އަމަލެއް ހިންގައިގެން ދިވެއްސެއްގެ މައްޗަށް ދައުވާ އުފުލުނު ފުރަތަމަ ފަހަރެވެ.
ނަމަވެސް، މި މައްސަލަ ކޯޓުގައި ކުރިއަށްދާގޮތް ނުވިއެވެ.
ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެކަމަށް ކޯޓުން ނިންމުން:
މިދިޔަ މަހުގެ ފަހުކޮޅު ކްރިމިނަލް ކޯޓުން ވަނީ، ފަހުމީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައެވެ.
މި މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް ކުރިއަށް ނުގެންދެވޭނެކަމަށްބުނެ ހުކުމް ކުރަމުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފުވި ކަމަށް ބުނެ، އުތުރު ކޮރެއާއާ އެކު ދިވެހި ރައްޔިތުން ނުވަތަ ރާއްޖޭގެ އުޅަނދުތަކުން ތެލުގެ މުއާމަލާތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ.
އަދި މިފަދަ ކަމެއް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު އަސާސީގައި ނެތުމުން ފަހުމީގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް ކޯޓުގެ ނިންމުމުގައިވެއެވެ.
މި މައްސަލައިގައި ކޯޓުން މިގޮތަށް ނިންމުމާއި އެކު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް އަމަލުކުރުމަކީ އދ.ގެ ޗާޓަރުގެ ހަތްވަނަ ބާބުގެ ދަށުން ހުރިހާ މެންބަރު ގައުމުތަކަށް ވާޖިބުކަމަކަށް ވާތީއެވެ.
މިހާ ހިސާބުން ގާނޫނީ ސުވާލެއް އުފެެދެއެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފުވުމަކީ ކުށެއް ނޫންކަމަށް ގާނޫނު އަސާސީގައި ނެތުމުން ކޯޓުން އެގޮތަށް ނިންމުމަކީ ކިހާ ބުރަަދަން ހުރި ނިންމުމެއްތޯއެވެ؟
ވޮއިސްއާއި ވާހަކަދެެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވީ އދ.އިން އުތުރު ކޮރެޔާގެ މި އުޅަނދާއި އެކު މިފަދަ ވިޔަފާރިއެއް ކުރުން މަނާކޮށް ނެރެފައިވަނީ ސަލާމަތީ މަޖިލީހުގެ ނިންމުމެއް ކަމަށާއި އެއީ އދ.ގެ ޗާޓަރުގެ ހަތްވަނަ ބާބުގެ ދަށުން ހުރިހާ މެންބަރު ގައުމުތަކަށް އަމަލުކުރުން ވާޖިބު ނިންމުމެއް ކަމަށެވެ. އެ ވަކީލު ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ މިފަދަ ގަރާރުތަކަށް އަމަލުކުރުން ވާޖިބުކަމަށް ބައެއް ގައުމުތަކުގެ ގާނޫނުތަކުގައި ހިމެނިފައިވާ ކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީގައިވެސް އެ ވާހަކަ ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެ ސަބަބެއްގެ ގޮތުގައި އެބޭފުޅާ ދެއްކެވި އެއް މިސާލަކީ މިހާރު އެންމެ ބާރަށް ދެެކެވެމުންދާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. އެ ވަކީލު ވިދާޅުވީ ޓެރަރިޒަމްއާއި ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ އެކިއެކި ނިންމުންތައް ވާކަމަށާއި، އެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށް ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމްކަމަށް ދިވެހިރާއްޖޭގެ ގާނޫނުގައި ހިމަނަންެޖެހޭނެކަމަށެވެ.
އެ ވަކީލު ވަނީ ކޯޓުގެ މި ނިންމުން ޚާރިޖީ ނަޒަރިއްޔާތަކުން ބަލައިފިނަމަ، އޭގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެފައެވެ.
އެއީ ތެދެކެވެ. ޚާރިޖީ ދާއިރާގެ ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅަކު ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފަހުމީގެ މައްސަލަ ނުބެލުމަށް ކޯޓުން ނިންމުމުން "ކޮންމެ ދިވެހި ފަރުދަކަށްވެސް އެއްވެސް އަދަބެއް ނުލިބި ސަލާމަތީ މަޖިލީހުގެ ނިންމުމަކާއި ޚިލާފް ވެވިދާނެ" ކަމަށް ބެލެވިދާނެކަމަށެވެ. އަދި ދިވެހި ދައުލަތަކީ އދ.އަށްވުރެ ގިނަ ބާރު ލިބިފައި އޮތް، އަދި އުތުރު ކޮރެޔާގެ ޒައާމަތުން ހިންގާ ހަރަކާތްތަކަށް ތާއިދުކުރާ ގައުމެއްކަމަށް ބުނުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ވޮއިސްއަށް މައުލޫމާތު ދެއްވި ދިވެހި ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ވަނީ އުތުރު ކޮރެޔާއާއި މެދު ދިވެހިރާއްޖެއިން ގެންގުޅޭ އުސޫލު ބަދަލުނުކުރާކަން ޔަގީންކޮށްދެއްވާފައެވެ.
ނިންމުން:
ފަހުމީގެ މައްސަލަ ފަދަ ސީރިއަސް މައްސަލައެއް ކޯޓުން ނުބަލަން ނިންމުމަކީ ހައިރާން ވާންޖެހޭ މައްސަލައެކެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކުން ކަނޑައެޅިގެން މަނާކަމެއް، އެއީ ދިވެހި ގާނޫނުގައި ކުށެއް ނޫންކަމުގައި ބެލެވެނީ ކީއްވެތޯ ސުވާލުއުފެދެއެވެ. އދ.ގެ ޗާޓަރުގެ ހަތްވަނަ ބާބުގައިވާ ބަސްތަކަށްވުރެ ދިވެހި ދައުލަތް ބާރުގަދައީތޯއެވެ؟ ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް ދިވެހިރާއްޖެއިން ގޮންޖަހަނީ ތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް