ރައީސް މާވަށު ކައުންސިލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ކައުންސިލްގެ މެންބަރުންނާ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުގެ މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ރައީސް ސޯލުހާއު ޙިއްޞާކުރައްވާފައެވެ.
ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ވަނީ ކައުންސިލުން ވަނީ ރައީސްއަށް މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މާވަށުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ޤާއިމުކުރުމުގެ އިތުރުން ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއިބެހޭ ގޮތުންނާއި ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރާއި ކައުންސިލާއި ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް ބޭނުންފުޅުވާކަމުގައެވެ.
މާވަށު ކައުންސިލުން ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް