N/A
N/A
ހަބަރު 21 Jan 2019 | 20:47

ރާއްޖެ ސުނާމީގެ ބިޔަރާޅަކަށް ބަނޑުދަމާލައިފި

އެޕްރީލް ހަތްވަނަ ދުވަހު، އަޅުގަނޑަށް ހުރެވުނީ ހެނދުނުގެ ވަގުތެއްގައި މާލޭގައިހުރި އެންމެ އުސް ބިލްޑިންގގެ އެންމެ މަތީގައެވެ. ވަށައިގެން ނަޒަރު ހިންގައިލީމާ ނުފެންނަ އެއްވެސް ފަރާތެއް ނެތެވެ. އަޅުގަނޑުގެ އަތުގައި އޮތް ދުރުމިއަކީ އާދަޔާއި ޚިލާފް މޮޅު އެއްޗެކެވެ. އެމެރިކާގެ ނާސާގައި ބޭނުންކުރާ ފެންވަރުގެ ޓެކްނޮލޮޖީ އެކުލެވޭ އެއްޗެކެވެ. އެއިން ގޭގެ ފާރުތައް ފޫއަޅުވާލާފައި ގޭތެރެއަށް ދާންދެން ދައްކައިދެއެވެ. އެކަމަކު މީހެއްގެ އޮރިޔާމެއް ނުފެނެއެވެ.

ދުވެފައިގޮސް އެ ހޮހަޅައެއްފަދަ އުސް އިމާރާތުގެ އެންމެ މައްޗަށް އަޅުގަނޑު އެރީ މާލެއަށް ސުނާމީއެއް އެބައަރާކަމަށް އިންޒާރުދެވެންފެށުމުނެނެވެ. މާލެވަށައިގެން ބަލައިލީމެވެ. ދުރުމި އަޅައިލީމެވެ. ސުބުހާނަﷲ އެވެ. އިރުމަތީފަރާތުން ލޮނުގަނޑު ފަރުމަތިން އެއޮތް ދަމައިގަންނަނީއެވެ. ހުޅަނގުފަރާތަށް އެބުރިލިއިރު ވިލިގިއްޔާ މާލެއާ ދެމެދު ހިކިގެންގޮސް ފަރުމަހާއި ލައްޓި ރާގޮނޑިއާއި މިޔަރުތައް ލޮނުގަނޑު ތެރޭގައި ބަކަތަޅައެވެ. ގަސްތަކެއްހެން ހެދިފައިވާ މުރަކަތަކާއި ބިޔަބޮޑެތި ގާތަކުން އެފެންނަ ނާމާންފާޑެއްގެ ކުލައެކެވެ. އުތުރުކޮޅުންނާ ދެކުނުކޮޅުންވެސް މެއެވެ. ރައީސް މައުމޫންގެ މަތިން ހަނދާންވިއެވެ. 2004 ގެސުނާމީގައި މާލެއާއި ގުއިފުނަދުއާއި ދެމެދު ހިކިގެންގޮސް ގާތަށް ފެންނަވަރުވިކަމަށް މައުމޫން ވިދާޅުވެފައިވާ ހަނދާނެއްވެގެންނެވެ. ދެރަށް ދެމެދުގައި ޖަހާފައިވާ ގާފުނިފުނިތަކެއް މިހާރު އެހެރީ ފެންނާށެވެ. ބުނެވޭގޮތުން އެއީ މާލެއާއި ފުނަދުއާއިދެމެދު ހިއްކަން ރައީސް އިބްރާހިމް ނާސިރު އެޅުއްވިހާ ގާތަކެވެ.

ފެންނަ މަންޒަރުތަކުން ހިތަށް ބިރުވެރިކަމާ ނުތަނަވަސްކަން ވަދެ ތުރުތުރުއަޅައެވެ. އަނބިދަރީންގެ މަތިން ކުއްލިއަކަށް ހަނދާންވިއެވެ. ދުރުމިން ޒޫމްކޮށް މާލެތެރެއަށް އަޅުވައިލީމެވެ. މީހުންކޮޅުކޮޅަށް ދުވެއެވެ. ބަލައިލެވުނު ދިމާއަކުން، އިރުމަތީ ފަރާތަށް ދަމާ އޮއިވަރެއްހެން މީހުންދާތަން ފެންނާތީ ފަރުވާތެރިކަމާއެކު ބަލައިލުމުން އެންމެ އިރުމަތީ ފަރާތު މޫދާއި ދާދިކައިރީގައިހުރި ވަރަށް އުސްގެއަކަށް މީހުން އަރަނީއެވެ. ގޭދޮށް ހީވަނީ ހައްޖުމަހުގެ ބާރުބޮޑުދުވަހެއްގައި ގެފުޅުކައިރީގެ މަންޒަރެއްހެންނެވެ. އެންމެ މަދުވެގެންވެސް 15 ބުރި އެގޭގައި ހުންނާނެއެވެ. ރަނގަޅަށް ވިސްނައިލީމާ އެންމެ އުސްގެއަކަށް އެތާ ހުންނާނީ ރައީސް އަބްދުﷲ ޔާމީންގެ ގެކަން އެގުނެވެ. އެހެންވެ ދުރުމީގެ ޒޫމް ކައިރިކުރަމުންގޮސް ގޭތެރެއަށް ބަލައިލެވުނެވެ. މުޅިގެ އެއޮތީ މީހުންނާއިގެން ފުރިބާރުވެފައެވެ. ބޭރުފާރުގައާއި ބިއްލޫރި ކުޑަދޮރުތަކުގައި އެލިގަނެގެންވެސް ތިއްބެވެ. ރާޅުއަންނާތީއެވެ. ވަރަށް ހައިރާންވާކަހަލަ މަންޒަރެއްވެސް ފެނުނެވެ. އަބްދުރަހީމް ޓެރަސްމަތީގައި ފަލަކަންވާރުގެ ދޮށްޓެ ހިފައިގެން ބޮޑެތި ގޮދާ ބާނާހެން މީހުން ބާނަނީއެވެ. ގޭތެރެބަލައިލިއިރު އެންމެ މަތީބުރީގެ ސިޓިންރޫމްގައި ހުރި އުނދޯއްޔެއްގައި ހެއްލާލަހެއްލާލާ ޔާމީން އިންނަވައިގެން ވާހަކަތަކެއް ދައްކަވައެވެ.

ސުނާމީގެ ބިޔަރާޅު އެއޮތް ބިންދާލަނީއެވެ. ހުޅަނގުފަރާތަށް އެބުރިލެވުނެވެ. މާގިނަ މީހުންއެއްވެފައިތިބި ތަނެއް ބަލާލިއިރު މާފަންނު މާފަންނުވިލާއެވެ. ގާސިމް އިބްރާހިމްގެ ގެކޮޅެވެ. ސަލާމަތްކޮށްދޭން އެދި ގާސިމަށް މީހުން ގޮވަނީއެވެ. އެގެހިމެނޭ ކޮށި ވަށާލައިގެން ފިލާތަކެއް ވިއްދައިގެން އެގެއަށް ރާޅު ވަނަނުދޭންވެގެން ގަދަފަދަ ޒުވާނުންތަކެއް އަރުވާޖަހާލައިގެން ތިއްބައި ރާޅާއެކު ފިލާތައް އެއޮތް ފުނޑުފުނޑުވަނީއެވެ. ގޭތެރޭގައި ގާސިމް ވަރަށް ކޯފާވެ، ކަންބޮޑުވެފައި ދެކޮޅު ދެކޮޅަށް ހިންގަވަހިންގަވާ ހުންނެވިއެވެ. ބޮޑުލާރި އަޅާ ދަޅެއް ކިހިލި ޖައްސަވައިގެންނެވެ. ދެން ވިދާޅުވެއެވެ. " ކަލޭމޮޔަފުޅު ނުވާށެވެ. މަގޭ އަނބިދަރިންނާ މުދާތަކަށްދާންދެން ގެންދާށެވެ. މިގާސިމް އިބްރާހިމް ތިހެން އަދި ގުޑުވައެއްނުލެވޭނެއެވެ." އަރިހުގައި ހުރެގެން ގޮވާމީހަކު ހުރެގެން ގޮވައެވެ. ގާސިމްގެ ރިސޯޓްތަކަށްވެސް ރާޅުއަރައިފިއެވެ. ގެއްލުންވީ ބާއަށާއި އޫރުމަހުގެ ސްޓޮކް ހުރިގުދަނަށެވެ. ރިސޯޓްތަކުން މީހުން ފައިބައިފިއެވެ.

އަޅުގަނޑުހިތަށް އެރިއެވެ. މައުމޫން ކޮބާހެއްޔެވެ. ދުރުމީ ހިންގައިލީމެވެ. އެންދެރިމާގޭ އުސްއިމާރާތެއްގެ ތެރޭގައި އާއިލާގެބޭފުޅުންނާއެކު ހަމަޖެހިވަޑައިގެން އުޅުއްވައެވެ. ކަމެއްވެގެން އުޅުއްވާހެން ހަމަ ހީވެސް ނުވެއެވެ. މުޅިގެކޮޅުގެ ހުރިހައި ފްލޯތަކެއް ތަޅުލާފައި ހުރުމުން އެގެކޮޅުން ސަލާމަތްކަން ހޯދަންދިޔަމީހުން ނުވަދެވިގެން ބޭރު ދޮރާށީގައި ތަޅައެވެ. ވަރަށް މަތިން ނާދިރާ ބޯނެރެގެން އޮވެ ހަޅެއްލަވައެވެ. " އޭއި ...އޭއި... ރައީސް މައުމޫން އެއުޅުއްވަނީ އާލާސްކަންފުޅާއޭ. ކަލޭމެން ގޮސް ޝައިޚް އިލްޔާސް ހޯދައިގެން ދުއާކުރިއްޔާ މާރަނގަޅުނޫންހޭ"

އެންމެ ކާރޫބާރޫބޮޑީ މާލޭގެ މެދުތެރޭގައެވެ. ރަނގަޅަށްވިސްނާފިކުރުކޮށްލިއިރު އެއީ ކެނެރީގެކައިރިއެވެ. އެހިސާބުގައި ލޮނުގަނޑު ކުޑައެވެ. ހާދަހާވާ ބައިވަރު މީހުންނެކެވެ. ކެނެރީގޭގެ ދޮރުތައް ހުރީ ހުޅުވައިލެވިފައެވެ. ދޮރާށިދޮށުގައި ނަޝީދު ހުންނަވައިގެން ތިބޭކަލުން ހަމަޖެހޭށޭ މިދަނީ އެކަން ނިންމަމުންނޭ ވިދާޅުވެ ވަރަށް އަޑުފުޅު ހަރުކޮށް ވާހަކަފުޅު ދައްކަވައެވެ. ބޮނޑިބަތް ބަހާ މީހުން ބޮނޑިބަތް ބަހަނީއެވެ. ވަރަށް ބޮޑު އިސްޕީކަރެއް އުފުލާ ބަޔަކުވެސް އުޅެއެވެ. އެއިން އިވޭ ލަވަޔަކީ ދޮހޮއްކޮބޭގެ " ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ" ދުރުމިއަށް ދެން އެރީ ސުނާމީގެ ބޮޑު ރާޅުތަކުގެތެރޭގައި އިންޑިޔާގެ މަނަވަރެއް ކަނޑުފޭރޭ މީހުންއަރުވއިގެން ރިޔާ ނަގައި ހޭރިޔާކުރަމުން އަންނާތީއެވެ. އިންޑިޔާކަނޑުގައި ރާޅުގަދަކަމުންނާ ވައިނުބައިކަމުން ކުރިނޭރިގެން އުޅެއެވެ. ނަޝީދު އަރިހުގައިތިބީ ކޮންބައެއްތޯ ބަލައިލިއިރު ޑިފެންސް މިނިސްޓަރ މާރިޔާ ހުންނެވިއެވެ. އެކްޓިން ޕޮލިސް ކޮމިޝަނަރ އެމްސީ ހަމީދުވެސް ހުނެނެވިއެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ. ރައީސް ސާލިހް ކޮބާހެއްޔެވެ. ރައީސް އޮފީހުގެ ރައީސް ކޮޓަރިކޮޅަށް ދުރުމީ އަޅުވާލިއިރު އަސްތާ! ރައީސް ގިނިކަންޏާ ، މޭޒުކޮޅުގައި ދެ އުޅަނބޮށި ވިއްދަވާލައްވައި ދެއަތްޕުޅުން އިސްތަށިފުޅުގައި ހިފަހައްޓަވައިގެން ގޮތް ހުސްވެފައިވާ ކަހަލަ ހާލަތެއްގައި އިންނެވިއެވެ. އެތާކު މާގިނަ ބަޔަކު ނެތެވެ. އެކަމަކު ޗީފްއޮފް ޑިފެންސްފޯސް ހުންނެވިއެވެ. މި ނުރައްކާތެރި ހާލަތުގައި ރައީސް އެއްޗެއް ވިދާޅުވޭތޯއެވެ.

ދެން އަނެއްކާވެސް ކެނެރީގެއަށް ޒޫމްކޮށްލިއިރު ފެންޑާގައި ހުރި އުނދޯއްޔެއްގައި ނަޝީދު އިންނަވައިގެން އަރިހުގައި ތިބި މީހުންނަށް އެބަވިދާޅުވެއެވެ. " މިރާއްޖެ ދެން ސަލާމަތްކުރެވެންއޮތީ ކާލާއި މަންނަ ސަލާމަތުން އޮވެގެންނެވެ." އަރިހުގައި ތިބި މީހުންގެތެރެއިން މީހަކު ދެންނެވިއެވެ. ކާލާމަންނަ ވީދިގެން ޔާންޓޭ އަތުގައި އެއްބޯ އެބައޮތެވެ. އޭނާ ފޮރުވައިގެންއުޅެނީ ގޭގެ ބިންގަރާހެއްގެތެރޭގައެވެ. ކޮމާންޑޯއިންނަށް ބިންގަރާހުގެ ސިއްރުތައް ގިނަކަމުން ނުވިއެވެ. އަންނި ކޯފާވެގެން ވިދާޅުވެއެވެ. މާފަންނުން ނޫކަށިފުރައިގެ މީހުންކޮޅެއް ފޮނުވާށެވެ. ބަޑިހަރުކުރި ޓޭންކްތަކާއި ބުލްޑޯޒަރުތައް ނެރޭށެވެ. އަނެކަކު ބުންޏެވެ. އެއްކަލަ ގާސިމް އަނެއްކާ އައިސީޔޫއަށް ގެންދެޔޯ މީހުން އެބަކިޔައެވެ. ފަރުވާލެއްނެތި ނަޝީދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓްތެރެއަށް ރާޅުނާރާހެއްޔެވެ.

ކުއްލިއަކަށް މޫނަށް އެރި ބާރުއެތިފަހަރަކުން ނޭވާ ހާސްވެ ފުންމައިގެން ތެދުވެވުނުއިރު އަހަރެން އޮތީ ތެމިފޯވެފައެވެ. ލޯ ހުޅުވައިލެވުނުއިރު އަނބިމީހާ ކައިރީގައި ހުއްޓެވެ. އަހަރެންނަށް ބުނެވުނެވެ. މަގޭ ދަރިންކޮޅު ސަލާމަތްވިހެއްޔެވެ. އަނބިމީހާ ރުޅިއައިސް ރަތްވެ، ފަހަތަށް ޖެހިލާފައި ދެލޯބޮޑުކޮށް ބޮލިރަވައެއްހެން އަގަތަޅައިގަތެވެ. ކަލޭ ތިގޮވާ ހާސަރަކުން ބޮލަށް ނުކުޅަދާނެވެގެން އެހެންގޮތެއް ނެތެވެ. ހޫނނ އަދި އެބަކިޔައެވެ. މަގޭ ހިތް އޮތީ އެހެންމީހަކާ ގުޅިފައޭ، ކަލޭ އެހެންމީހަކާ ހިތާވެގެން އުޅޭކަން މިއެނގުނީ އަދި ކިރިޔާއެވެ. އިރުކޮޅަކުން އަހެރެންނަވެސް ކުޑަކޮށް ހޭވެރިކަންވެ މިފެނުނުކަންތަކާއިމެދު ފިކުރުކުރަންފެށުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...