ދީން ހިމާޔަތްކުރުމުގެ ނަމުގައި ޖަމްއިއްޔަތުލް ސަލަފުން ބާއްވަން އުޅުނު ޕަބްލިކް ފޯރަމް ސަރުކާރުން ހުއްޓުވައިފި
ދީން ޙިމާޔަތް ކުރުން، މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން ބާއްވަން އުޅުނު ފޯރަމް ސަރުކާރުން ހުއްޓުވައިފިކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ. އެޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެތެރެއިން ’ދީން ޙިމާޔަތް ކުރުން‘ މި މައުޟޫއަށް ޖަމްޢިއްޔަތުއްސަލަފުން މިރޭ ( ހުކުރުވިލޭރޭ ) ޢަރަބިއްޔާސްކޫލު ހޯލުގައި ކުރިއަށްގެންދިއުމަށް ރާވައި، ވަރަށްބޮޑަށް އިޝްތިހާރު ކޮށްފައިވާ މި ފޯރަމް ހުއްޓުވާފައިވަނީ އިސްލާމިކް މިނިސްޓްރީއިން ނަގަން ޖެހޭކަމަށް ބުނާ ހުއްދައެއް ނުނަގާ ބާއްވަން އުޅުމުގެ ބަހަނާގައެވެ"
ސަލަފު ޖަމްއިއްޔާއިން ބުނީ ފޯރަމް ބާއްވާ އަރަބިއްޔާގެ ސްކޫލް ހޯލް ދޫކޮށް ފައިސާވެސް ދައްކައި އެކަމުގެ ލިޔުންވެސް ސްކޫލްގެ ފަރާތުން ހަވާލުކޮށް ފޯރަމް ބާއްވަން ހުކުރު ދުވަހުގެ މެންދުރުފަހު ހޯލް ތައްޔާރުކުރަން ދިއުމުން އެތަނަށް ނުވައްދަން މުދީރު އަންގާފައިވާކަމަށް ގާޑު ބުނެފައިވާކަމަށެވެ.
މިދަރުހާއިދިމާކޮށް އިސްލާމިކް މިނިސްޓްރީންވަނީ ދީނީ ނަސޭހަތްދިނުމުގެ ކުރިން އެކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނަގަންޖެހޭނެކަމަށް އާއްމުކޮށް އަންގާފައެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ނައިބުރައީސް ވިދާޅުވެފައިވަނީ ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް އެޖަމްއިއްޔާއިން ނަގަން ނުޖެހޭނެ ކަމުގައެވެ. އެއީ މިހާތަނަށް އެޖަމްޢިއްޔާއިން ބާއްވާފައިވާ ހުރިހާ ދަރުސްތަކާއި ފޯރަމްތައްވެސް ބާއްވަމުން ގެންގޮސްފައިވާނީ، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޖަމްޢިއްޔަތުއްސަލަފަށް ލިބިފައިވާ ހުއްދައިގެ ދަށުން، ރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮންނަ ޢިލްމުވެރިން މެދުވެރިކޮށްކަމަށްވާތީއެވެ..
" ދަރުސް ބޭއްވުމަށް އިތުރު ހުއްދައެއް ނަގަންޖެހޭނެކަމަށް މިނިސްޓްރީއިން އަންގާފައިވަނީ އެ މިނިސްޓްރީއިން 2018 ގައި ޢާއްމުކޮށްފައިވާ ސާކިޔުލާއަކާ ޙަވާލާދީ. އެސިޓީއަށް އަޅުގަނޑުމެން އޭރު ޖަވާބު ދިނުމުން ޢާއްމުކޮށް ހުއްދަ ލިބިގެން ބާއްވަމުން ގެންދާ ދަރުސްތަކަށް އިތުރު ހުއްދައެއް ނެގުމަކާ ނުލާ ދަރުސް ބޭއްވޭނޭކަމަށް މިހާރުގެ މިނިސްޓަރު އަދި އޭރު ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ޑރ. އަޙްމަދު ޒާހިރު ލިޔުމުން އަޅުގަނޑުމެންނަށްވަނީ ޖަވާބު ދެއްވާފަ" ސަލަފްގެ ނާއިބް ރައީސް ވިދާޅުވިއެވެ.

ސަލަފުން ބުނީ މިއީ ވޭތުވެ ދިޔަ 12 އަހަރުގެތެރޭގައި އެޖަމްއިއްޔާއިން ބާއްވަން އުޅުނު ދަރުހަކަށް ސަރުކާރުން ހުރަސްއެޅި ފުރަތަމަ ފަހަރުކަމުގައެވެ. އެންމެފަހުން ސަލަފްގެ ދަރުހެއް ހުއްޓުވާފައިވަނީ ރައީސް މައުމޫންގެ ސަރުކާރުން 2007 ވަނަ އަހަރުއެވެ. އެފަހަރު ދަރުސް ހުއްޓުވީ ދަރުބާރުގެއަށް ފުލުހުން ފޮނުވައެވެ.
ސަލަފުން ބުނީ ރޭ ބޭއްވުމަށް ހަމަޖައްސާފައި ހަވަނަ ފޯރަމެވެ. ވޭތުވެދިޔަ ފަސް ފޯރަމްގައިވެސް އިތުރު ހުއްދައެއް ނަގާކަށް ނާންގައެވެ. ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަން ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޙަސަން މޫސާ ފިކްރީ އަދި އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު އެވެ.
ސަލަފުންބުނީ "މިފޯރަމް ހުއްޓުވާފައިމިވަނީ އިސްލާމްދީނުގެ ޝިޢާރުތަކާއި ޙުކުމްފުޅުތަކަށް ފާޅުގައި ހަޖޫޖަހަމުންދާ މީހުންނަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ދޫކޮށްލެވިފައިވުމުގެ ސަބަބުން ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަމެވެ. ވަކިން ޚާއްޞަކޮށް މިއީ މިމައުޟޫއަށް ވާހަކަ ދެއްކުމަށް ދީނީ ޢިލްމުވެރިންގެ އަރިހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިރައްޔިތުން ނުހަނު އެދިއެދިތިބި ދަނޑިވަޅެއްވެސް މެއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް