"މެންޗެސްޓާ ޔުނައިޓެޑަށް ހުރިހާ މެޗަކުންވެސް މޮޅުވެވިދާނެ"
މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތް ހުރިހާ މެޗަކުންވެސް މޮޅުވެވިދާނެކަމަށް ގަބޫލުކުރާކަމަށް އެޓީމުގެ ކެއާ ޓޭކާ މެނޭޖަރ ޝޯލްޝާ ބުނެފިއެވެ.
އެފް އޭ ކަޕްގައި ރީޑިންގްއައި ދެކޮޅަށް ނުކުތުމުގެ ކުރިން މީޑިއާތަކައި ވާހަކަ ދައްކަމުން ޝޯލްޝާބުނީ ޔުނައިޓެޑް ކަހަލަ ބޮޑު ކްލަބެއް އަބަދުވެސް މޮޅުވާން ޖެހޭނެކަމުގައި މީހުން ދެކޭ ކަމަށައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެފައިވުމުން ޖެހިގެން އޮތް ފަސްވަނަ މެޗުންވެސް މޮޅުވާންޖެހޭނެ ކަމުގައި މީހުން ގަބޫލުކުރާ ކަމަށެވެ.
އޭނާގެ ނަޒަރުގައި ކުރިއަށް އޮތް މެޗު އަދި ދެން ކުޅެން ޖެހޭ ކޮންމެ މެޗަކީވެސް ކާމިޔާބު ކުރެވޭނެ މެޗުތަކެއްކަމުގައި ގަބޫލުކުރާކަމަށްވެސް ޝޯލްޝާ ބުނެފައިވެއެވެ.
ޝޯލްޝާ ޔުނައިޓެޑައި ހަވާލުވެފައިވަނީ އޭނާ ކޯޗްކަން ކޮށްދެމުން އަންނަ ނޯވޭގެ މޯލްޑޭގެ މެނޭޖްމަންޓުން ސީޒަނުގެ ބާކީ އޮތް މުއްދަތަށް ޔުނައިޓެޑަށް ދޫކުރުމުންނެވެ. މޯލްޑޭއިން ޝޯލްޝާ އެނބުރި އެޓީމުގެ ކޯޗްކަމައި ހަވާލުވާނެކަމަށް އުންމީދުކުރާއިރު ޝޯލްޝާވަނީ އެނާ ޔުނައިޓެޑުގެ ދާއިމީ ކޯޗުގެ ގޮތުގައި މަޑުކުރަން ބޭނުންވާކަމަށް ބުނެ ޔުނައިޓެޑްގެ ބޯޑަށް އެކަން ހުށަހަޅާފަކަމަށް އިނގިރޭސި މީޑިއާތަކުންވަނީ ރިޕޯޓް ކޮށްފައެވެ.
ޔުނައިޓެޑުގެ ކޯޗު ކަމުން މޮރީނިއޯ ވަކިކުރުމަށްފަހު 45 އަހަރުގެ ޔުނައިޓެޑް ލެގެންޑް ޝޯލްޝާ ކެއާ ޓޭކާ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސިފަހުން އެޓީމް މިހާތަނަށް ކުޅުނު ހަތަރު މެޗުވެސްވަނީ ކާމިޔާބު ކޮށްފައެވެ. މިއީ ސަރ މެޓް ބުސްބީ 1946 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗްކަމުގެ މަގާމުގައި ހުރެ އެ ރެކޯޑް ހެދިފަހުން ޔުނައިޓެޑައި ހަވާލުވެ ހުރި ކޯޗަކު އެ ރެކޯޑައި އެއްވަރުކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް