ކައުންސިލްތަކަށް މާލީ އެހީ ލިބުމުން އަވަށު އޮފީސް ހަދާނަން: މޭޔަރ ޝިފާ
ކައުންސިލްތަކަށް މާލީގޮތުން އެހީ ލިބެން ފެށުމުން، އަވަށު އޮފީސްތައް ހަދާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ އެހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ޝިފާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ކުރިއެރުން ގެނައުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭތީ އުފާ ކުރާ ކަމަށެވެ.
ޝިފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މެދުވެރި ކުރައްވާ ކައުންސިލުތަކަށް މާލީ އެހީ ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝިފާ ވިދާޅުވީ، މިވަގުތު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ މިނިސްޓްރީއަކުން މަސައްކަތް ކުރާ ބީދައިން، ދައުލަތުން ދޭ ބަޖެޓަކުން ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި މާލީ ގޮތުން ކައުންސިލަށް ފުއްދުންތެރިކަން ލިބުމުން، ކޮންމެ އަވަށެއް ބަލަހައްޓަން އަވަށު އޮފީސްތައްވެސް ގާއިމް ކުރާނެ ކަމަށެވެ.
"އަދި އެ އޮފީސްތައް ހިންގަން މީހުންވެސް ލާނަން. ކުރިއަށް އޮތްތާގައި މާލެ ޒީނަތްތެރި ކުރުމުގެ މަސައްކަތަށްވެސް ދިވެހިން ނަގަން އަޅުގަނޑުމެން ވިސްނަން." ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ، ކަންކަން ކުރަން ބޭނުންވަނީ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްގެން، ދިވެހިންނަށް ފައިސާ ލިބޭނެ ގޮތަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް