ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ޚިޔާނާތުގެ ފައިސާ ދައުލަތަށް ނަގަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްގައި ހުރި އެމްއެމްޕީއާރްސީގެ ޚިޔާާނާތާއި ގުޅޭ ފައިސާ ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން އެ ފައިސާ ނެގުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގަޟިއްޔާއިން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާތީ، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 192 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށައެޅިފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހުސްވި ނޮވެމްބަރު މަހުގެ 28 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް