މުރްސީގެ މައްޗަށް ޣައިބަށް ކަށުނަމާދެއް ނުކުރާނެ: އިސްލާމިކް މިނިސްޓްރީ
އިއްޔެގެ ވަގުތެއްގައި އަވަހާރަވި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ނުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މުރްސީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމުގެ އަދި ހަމަޖެހިފައިނުވާ ކަމަށެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި މުރްސީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކޮށްދިނުމަށް އެދި އާންމު ފަރާތަކުން ވަނީ އިސްލާމިކް މިނިސްޓްރީއަށް މިއަދު ސިޓީއެއްވެސް ހުށައަޅާފައެެވެ. މީގެ ކުރިންވެސް މުހިންމު ޝަޚުސިއްޔަތުތަކުގެ މައްޗަށް ވަނީ ޣައިބަށް ކަށުނަމާދު ކުރެވިފައެވެ.
މިސްރުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި މުރްސީ ނިޔާާވީ، އޭނާގެ މައްޗަށް ޝަރީއަތްކުރަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. މުރްސީގެ ސިއްހީ ހާލުކޮޅާއި މެދު މީގެ ކުރިން އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ޖަލުބަންދުގައި ހުންނެވި ވަގުތު އޭނާއަށް އެކަށީގެންވާ ފަރުވާ ލިބެމުން ނުދާކަމަށްވަނީ ފާހަަގަކޮށްފައެވެ.
މިސްރުގެ ފުރަތަމަ މިނިވަން އިންތިޚާބަކުން ހޮވުނު މުސްލިމް ބްރަދަރހޫޑް ޕާޓީއަށް ނިސްބަތްވާ މުރްސީ، އެގައުމުގެ ވެރިކަން ކުރައްވާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.
މުރްސީގެ ވެރިކަން ނިމިގެންދިޔައީ މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީ އިސްވެ ހުންނަވާ ގެންނެވި ބަޣާވާތެއްގައެވެ. އެ ބަޣާވާތަށްފަހު ބްރަދަރހޫޑް ޕާާޓީ ވަނީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް