ޖަލްސާތައް ފަށާނެ ދުވަހެއް އަދި ނޭނގޭ: މަޖިލީހުގެ އިދާރާ
ޖަލްސާތައް ބޭއްވޭނެ ދުވަހެއް ނޭނގޭކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މިދައުރަށް މަޖިލީސް ހުޅުވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ. ހުޅުވުމަށްފަހު މަޖިލީހުގެ ޖަލްސާތައް އާއްމުގޮތެއްގައި ބާއްވަނީ ހޯމައިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ފާއިތުވި ބުރާސްފަތި ދުވަހު މިދައުރަށް މަޖިލިސް ހުޅުވިނަމަވެސް މި ހޯމަ ދުވަހު ޖަލްސާއެއް ބާއްވާފައި ނުވެއެވެ.
ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތައް އަދި އެޖެންޑާކޮށްފައި ނުވާކަމަށާއި، އަދި ޖަލްސާތައް ފަށާނެ ދުވަހެއް ދަންނަވަން ނޭގޭކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ދުވަހެއް ދަންނަވަން ނޭގޭކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާއިރު، މިދުވަސްކޮޅު ކުރަމުން އަންނަނީ މަޖިލީހުގެ އިދާރާ މަރާމާތު ކުރުމުގެ މަސައްކަތެކެވެ. އެގޮތުން މަޖިލީހުގެ ވަށާފާރު އުސްކުރުމާއި މަޖިލީހުގެ އިދާރާގެ އިތުރު މަރާމާތްތަކެއްވެސް ކުރިއަށް ދާކަން ފާހަގަކޮށްލެއެވެ. އަދި މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އިދާރާގެ މަރާމާތުގެ މަސައްކަތްތައް ނިމުމުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް