އީސީ ޝަރީފްގެ އެރޮގަންޓްކަމާ ޒާތީކަން ބޮޑީހެއްޔެވެ؟
އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފަކީ ވަރަށް އެހެންކަހަލަ ބެކްގްރައުންޑެއްގެ ބޭފުޅެއްކަމަށް މިދަނީ ފެންނަމުންނެވެ. ދައުލަތުގެ މިނިވަން މުއައްސަސާއެއްގައި ހުންނަވައި ވަރަށް ޒާތީވެފައިވާކަން ދޭހަކަހަލަ ވަރަށް އެރޮގަންޓް ސްޓޭޓްމަންޓްތައް އެބަނެރުއްވައެވެ. އެހެންމީހުންނަށް ވައްކަމުގެ ތުހުމަތު އަޅުއްވަނީވެސް އެއްވެސް ޖެހިލުމެއްނެތިއެވެ.
އެހެންމެފަހުން އެންމެ އަޅައިގަތް ކަމަކަށްވީ އަލަށް އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން، ޕާޓީ އުފައްދަން ހުށަހެޅި ފޯމްތަކަކާއި ހަވާލުވެ މިހާރު ދައްކަވާ ވާހަކައެވެ. ފޯމްތައް އިލެކްޝަންސް ކޮމިޝަނުން ޗެކްނުކޮށް ގޮވަންފެށީ ވަގަށެވެ.
މިހާރު ނޫހުގެ ޖެނުއަރީ 10 ވަނަ ދުވަހުގެ އަދަދުގައި ލިޔެފައި އޮތީ " ޔާމީން އަލަށް އުފައްދާ ޕާޓީއަށް ވަގަށް މީހުންވައްދާކަމުގެ ޝަކުވާ ބޮޑު" ކަމަށް އިލެކްޝަން ބުނާކަށެވެ. މިބޮޑު ތުހުމަތު މިކުރީ އެކޮމިޝަނަށް ޕީއެންސީން 4000 ފޯމް ހުށަހެޅުމުން ކޮންބައެއްކަން ނޭގޭ ބަޔަކު ގުޅައި އެމީހުންގެ ނަން އެފޯމްތަކުގެތެރޭގައި އޮތްތޯ ބަލައިދޭން އެދެން ފެށުމުންނެވެ.
މިވަރުގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ވެރިޔަކު ޕްރެސްކޮންފަރެންސެއް ބާއްވައި މިވަރުގެ ތުހުމަތެއް ކުރެއްވުމުގެ ކުރިން އެހުށަހެޅި ފޯމްތައް ބަލައި ޗެކްކުރުމަށްފަހު ވަގުފޯމެއް އޮތްތޯ ފުރަތަމަ ދެނެގަންނަންވީ ނޫންތޯއެވެ. މިއިން ކަމެއް ނުބަލައި މީހަކު ފޯންކުރީމާ ޕްރެސްކޮންފަރެންސެއް ބާއްވައި ވަގުތުހުމަތު އެޅުވުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެކެވެ.
ދެން އެވިދާޅުވީ ޕީޕީއެމް އޮޔާދާން ދޫކޮށްލައި އެޕާޓީގައި އުޅުނު ބަޔަކު އެހެންޕާޓީއެއްހަދަން އިލެކްޝަންސް ކޮމިޝަނުން އަލުން ގަވާއިދެއް ހަދައިގެންވިޔަސް ހުއްދަނުދޭން އޮތްކަމަށެވެ. މިބަހުރުވައިގެން ފެނިގެންދަނީ ޒާތީ ތައައްސުބުން ޝަރީފް މުޅިން ބަދެވިފައިވާކަމެވެ.
ޝަރީފްގެ މާޒީއަށް ބަލާއިރު އެބޭފުޅާއަކީ އޭރަކު އޮންނަ ސަރުކާރަކަށް ވަރަށް ގާތްކޮށް އުޅުއްވަން އުޅުއްވާ ބޭފުޅެކެވެ. ސީޔާސީ މައިދާނުން އޭނާ ފާޅުވެގަތީ 2011 ވަނަ އަހަރުގެތެރޭގައި ޕީޕީއެމް ވުޖޫދުވުމަށްފަހު މަޖިލިސްގެ ގޮނޑިއެއް ފުރަތަމަ ކާމިޔާބުކުރަން އޭނާއަށް ތިމަރަފުށީ ދާއިރާގެ ޓިކެޓްދިނުމުންނެވެ.
ތިމަރަފުށީ ދާއިރާގެ އެގޮނޑިއަކީ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާންމައުމޫން ތިމަރަފުށީ މުސްތަފާއާއި ވާދަކޮށް ނާކާމިޔާބާއި ކުރިމަތިވި ގޮނޑިކަމަށްވުމުން، މުސްތަފާ ވަކި ހިސާބަކުން ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލި ބޭއްވި ބައިލެކްޝަންގައި ވާދަކުރަން ޕީޕީއެމުން ބެލީ އެއި "ރަންގޮނޑި" ކަމަށެވެ. އެޕާޓީގެ ހުރިހައި ވެރިން ތިމަރަފުށީ ދާއިރާގެ ރަށްތަކަށް ގޮސް ޑޯޓުޑޯގައި ތިބެ ޝަރީފަށް ގޮނޑި ހޯދައިދިނުމުން ދުވަސްކޮޅެއް ކޮށްލާފައި ޕާޓީއަށް ބޭވަފާތްތެރިވުމަށްފަހު ސިއްރިޔާތުގައި ރައީސް ވަހީދުގެ ޕާޓީއަށް ސޮއިކުރެއްވީއެވެ. ވަހީދު ސަރުކާރުގައި ހުންނެވުމުންނެވެ.
ވަހީދުގެ ސަރުކާރު ނިމި ތިމަރަފުށީ ގޮނޑިވެސް ގެއްލި ޖޮބްލެސްވުމުން އަނެއްކާވެސް ޔާމީންއަރިހަށް ވަޑައިގެންނެވިއެވެ. ޔާމީނަކީ ރައީސްކަމަށް ވީމައެވެ. ދެން ސަރުކާރުގެ އެކި ވަޒީފާތަކުގައާއި މެޑަމް ފާތުންގެ މާގާތްކަމެއް ހޯއްދަވައި ޕީޕީއެމްގެ މައުތުޕީސް ޗެނަލް 13 ވެސް ހިންގަން އުޅުއްވިއެވެ.
އޭނާ އުޅުއްވިލެއްތް ގާތްކަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ޔާމީން އޭނާލެއްވީ ރިޔާސީ އިންތިޚާބުގެ ކަންކަން ކޮޅެއްގައި ޖެއްސުމަށެވެ. ދެން ކުރެއްވިކަމަކީ އެދުވަސްވަރު އޮތް އެމްޑީޕީއަށް އިލެކްޝަންސް ކޮމިޝަންގެތެރެއިން އުނދަގޫތަކާއި ޖެއްސުންތައް ކުރިމަތި ކުރުމެވެ.
އޭނާގެ މައްސަލަ އެމްޑީޕީއަށް އޮތީ ބޮލުގަ ރިހުމަކަށްވެފައެވެ. އަދި އޭނާ ހުރެގެން މިނިވަން އިންތިޚާބެއް ނުބޭއްވޭނެކަމަށްވެސް އެޕާޓީން ދެކުނެވެ. ނަން ހާމަކުރަން ބޭނުންނުވާ ޝަރީފްގެ ކަންކަން ރަނގަޅަށް ދަންނަ މީހަކު މައުލޫމާތުދިން ގޮތުގައި އިންތިޚާބުގެ ކުރިން ޝަރީފް ރައީސް އަބްދުﷲ ޔާމީނަށް ޔަގީންކަންދީފައި އޮތީ ކޮންމެގޮތަކުންވެސް ވެރިކަމަށް ހޮވޭނީ ޔާމީން ކަމަށެވެ. ކޮމިޝަނުން ޔާމީނަށް ނަގައިދޭނެ ޕަސެންޓޭޖެއްވެސް އޭނާ ދިޔައީ ބުނަމުންނެވެ. އެކަން ކުރާނެގޮތެއް ނުބުނެ އޭނާ ދެމުންދިޔައީ ޔަގީންކަމެކެވެ.
އިންތިޚާބުގެ ނާކާމިޔާބަށްފަހު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އުފުލި ތުހުމަތުގެ ސަތޭކަ ޕަސެންޓް ނިސްބަތްވަނީ ޝަރީފަށެވެ. ވޯޓްއޮޅުވާލާފައިވާކަމަށެވެ. މިތުހުމަތު އުފުލުމުން އެންމެ ފުރަތަމަ ޝަރީފް ކުރެއްވިކަމަކީ އިލެކްޝަންސް ކޮމިޝަންގެ ވޯޓްކަރުދާސްތައް ނައްތައިލުމެވެ.
ދެން އޭގެފަހުން އެޕާޓީއަށް އިލެކްޝަންސް ކޮމިޝަންގެ ހަމަލާ ނައަންނަ ދިމާލެއްނެތެވެ. ޕީޕީއެމްގެ ބައެއް މީހުން އޭނާ ސިފަކުރަނީ އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޭނާ އިލެކްޝަންސް ކޮމިޝަނަށް ހޮވައިދިނުމުން "ޕާޓީއަށް ހަރާންކޯރު" ވެފައިވާ މީހެއްގެ ގޮތަށެވެ.
މިހާރު އެހުންނެވީ މިހާރުގެ ސަރުކާރަށް މާ ވަފާތްތެރިކަމަށް ދައްކަވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށްވެސް އަދި އެޕާޓީގެ ވެރިން އެހެން ޕާޓީއެއް ހަދައިގެންވެސް ކުރިމަތިލިޔަ ނުދެއްވަން އޭނާ އަޒުމް ކަނޑައަޅުއްވައިގެން ހުންނެވިކަހަލައެވެ. އިލެކްޝަންސް ކޮމިޝަނަކީ މިހާރު ދައުލަތުގެ މިނިވަން މުއައްސަސާއެކޭ ހީވެސް ނުވާކަހަލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް