މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަޒީފާތައް އިތުރުވެއްޖެ
މިއަހަރުގެ ފުރަތަމަ ކުއާޓާރއާއި ހަމައަށް ދިވެހިރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން ތައްޔާރުކުރި ބިޒްނަސް ސާވޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުރަތަމަ ކުއާޓާގައި ރާއްޖޭގައި މައި ހަތަރު ސިނާއަތުގައި ވަޒީފާ ދިން މިންވަރު، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު އިތުރުވެފައިވެއެވެ.
މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް، އިމާރާތްކުރުމުގެ ދާއިރާ، އަދި އުފެއްދުންތެރިކަމުގެ ދާއިރާ އާއި ހޯލްސޭލް، ރީޓެއިލް ވިޔަފާރި ކުރާ ވިޔަފާރިތަކުން ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި 58 ވިޔަފާރިއަކުން ބުނެފައިވަނީ ވަޒީފާތައް އިތުރުވެފައިވާ ކަމަށާއި އަދި ދެވަނަ ކުއާޓާގައި ވަޒީފާތައް މިހާރަށްވުރެ ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން 35 ވިޔަފާރިއެއް ވަޒީފާ އިތުރުވި ކަމަށް މައުލޫމާތު ދީފައިވާއިރު ނުވާ ކަމަށް ބުނެފައިވަނީ 31 ވިޔަފާރިއެކެވެ. ވަޒީފާ މަދުވި ކަމަށް 34 ވިޔަފާރިއަކުން ވަނީ ބުނެފައެވެ.
އުފެއްދުންތެރިކަމުގެ ވިޔަފާރިތަކަށް ބަލާއިރު ވަޒީފާ އިތުރުވި ކަމަށް ބުނީ 19 ވިޔަފާރިއެކެވެ. 79 ވިޔަފާރިއަކުން ބުނީ ވަޒީފާގެ ނިސްބަތަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. ރީޓެއިލް ހޯލްސޭލް ވިޔަފާރިތަކުގެ ތެރެއިން 27 ކުންފުންޏަކުން ވަނީ ވަޒީފާ އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް