ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިން އަަބަދުވެސް ތާއިދުކުރާނެ: ރައީސް ސޯލިހު
ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިން އަބަދުވެސް ތާއިދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، މަގާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނަކީ ދިވެހިންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ދެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ތާއީދު އެގޮތުގައި ދެމި އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ސަފީރު މިސްޓަރ ވަލީދު އޭ. އެމް އަބޫ ޢަލީ ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައީސް މަހްމޫދު ޢައްބާސްގެ ހެޔެއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރެއްވިއެވެ. އަދި ރާއްޖޭގައި ފަލަސްޠީނުގެ ރައްޔިތުން ތަމްޞީލުކުރުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން އެކަމާ އުފާ ކުރައްވާކަމަށް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންއަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް