މާޗް މަސް ނިމުމުގެ ކުރިން މާލެ ވަށާ ބުރު ޖެހޭނެ!
މާޗް މަސް ނިމުމުގެ ކުރިން މާލޭގެ އެންމެ ބޭރު މަގު ކަމުގައިވާ، ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައިވާ ސަރަހައްދުތައް ހުޅުވާލައި މާލެ ވަށައި ބުރު ޖެހޭނެ ގޮތް ހަދާނެ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިކަން ހާމަކުރެއްވީ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފެވެ.
"ރާއްޖެ ޓީވީ"ގައި ވާހަކަ ދައްކަވަމުން ޝަމާޢު ވިދާޅުވި ގޮތުގައި މާލޭގައި ދިރިއުޅުން ލުއިފަސޭހަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލޭގެ ހުޅަނގު ފަރާތުން ރަސްފަންނާއި ދިމާލުން ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވުމަށް ދައުލަތުގެ އިދާރާ ތަކާއި އެކު މަޝްވަރާ ކުރުމަށްފަހު އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ޝަމާޢު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި މާޗު މަހުގެ ތެރޭގަ މާލޭގެ ވަށާ ބުރެއް ޖަހާލެވޭނެ" ޝަމާއު ވިދާޅުވިއެވެ.
ޝަމާޢު ވިދާޅުވި ގޮތުގައި މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވެސް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި މާޗް މަހުގެ ނިޔަލަށް އެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް