ރަހުންނާއި ރަނިން ފޮތް އިނގިރޭސިބަހުން ނެރުމަށް ތައްޔާރުވެއްޖެ
ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚު ދިރާސާކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ފޮތެއްކަމުގައިވާ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން"، އިނގިރޭސިބަހުން ނެރުމަށް ތައްޔާރުވެއްޖެއެވެ.
ނ.ޣ.އ.ވ ނަސީމާ މުހައްމަދު ކަލޭފާނު ލިޔުއްވި މިފޮތުގެ އިނގިރޭސި ތަރުޖަމާގެ މަސައްކަތް ކުރައްވާފައި ވަނީވެސް ޚުދު އެކަމަނާއެވެ. 370 ސަފްހާގެ މައްޗަށް ހިމެނޭ މި ތަރުޖަމާގެ މަސައްކަތަށް ގާތްގަނޑަކަށް ހަތަރު މަސްދުވަސް ނަސީމާ ވަނީ ހޭދަކުރައްވާފައެވެ.
މިފޮތުގެ ބައެއް މަސައްކަތްތައް މިހާތަނަށް ނިމިފައި ނުވުމުން ވަނީ ޗާޕަށް ނުފޮނުވިއެވެ. ނަމަވެސް މިފޮތުގެ ނިމިފައިވާ މަސައްކަތްތައް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ ބައްލަވާލައްވާފައެވެ.
ދިވެހިރާއްޖޭގެ ކުރީގެ ފަސްޓްލޭޑީ ނަސީމާ މުހައްމަދު ކަލޭފާނަކީ މީގެ ކުރިންވެސް އިނގިރޭސިބަހުން ދިވެހި ތާރީޚުގެ ލިޔުންތައް ލިޔުއްވާފައިވާ ފަރާތެކެވެ.
ރަހުންނާއި ރަނިން ފޮތުގައި ދިވެހިރާއްޖޭގެ ޝާހީ ތަހުތުގައި ރެދަލިކުރެއްވި ފަރާތްތަކުގެ ވަރަށް ތަފްސީލީ ވާހަކަތަކެއް ހިމެނިފައިވެއެވެ. އެގޮތުން މިފޮތުގައި ސުލްތާނާ ރެހެންދި ޚަދީޖާއާއި ބެހޭގޮތުން ނަސީމާ މުހައްމަދު ކަލޭފާނު ލިޔުއްވާފައިވާ ވާހަކަތަކަކީ ދިވެހި ތާރީޚަށް ލޯބިކުރާ ގިނަބަޔެއްގެ ޝައުގުވެރިކަން ހޯދާފައިވާ ވާހަކަތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް