ނޫސްތަކުގައިވާފަދަ ނުރައްކާތެރި އަމަލުތައް މިރަށުގައި ނުހިނގާ: މަޑުއްވަރީ ކައުންސިލް
ނޫސް މަޖައްލާތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި ނުރައްކާތެރި އަމަލުތައް ރ.މަޑުއްވަރީގައި ހިނގަމުން ނުދާކަަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ ޑިސެމްބަރ 18ވަނަ ދުވަހުން ފެށިގެން އެރަށުގައި ސަލާމަތީ ބާާރުތަކުން ހިންގަމުންގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ މަޑުއްވަރީގެ ހާލަތުކަމަށް ބަޔާންކޮށް ގެނެސްދެމުން ގެންދާ ޚަބަރުތަކުގައި ޒިންމާދާރުކަން ކުޑަ، ހަގީގަތެއްނެތް އެތައްވާހަކަތަކެއް ލިޔެފައިވުމުން މަޑުއްވަރީއާއި މެދު މީހުން ދެކޭގޮތް ބަދަލުވެ، އެރަށަކީ ނާމާން އަދި ބިރުވެރިކަމުން ފުރިފައިވާ ރަށެއްގެ ގޮތުގައި ސިފަވާން ފަށާފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުގައި ދިވެހި އޮންލައިން ނޫސްތަކުން ލިޔެފައިވާ މިފަދަ ލިޔުންތައް ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ވަނީ ބުނެފައެވެ.
މަޑުއްވަރީ ކައުންސިލުންވަނީ ނޫސް މަޖައްލާތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި ނުރައްކާތެރި އަމަލެއް އެރަށުގައި ހިނގަމުން ނުދާކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވާކަމަށްވެސް ބުނެފައެވެ.
އެ ކައުންސިލުން އިތުރަށްބުނީ ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންގައި ހަރުކަށި ފިކުރު ފަތުރާ، ޖަމާއަތުން ވަކިވެގަނެ، ދީނާއި ރަށުގެ އެއްބައިވަންތަކަން ބައިބައިކުރުމަށް މަސައްކަތްކޮށް، ރަށުގެ އަގުވައްޓާލައި ބޮޑެތި ޖިނާއީ ކުށްތަކަށް އަަަރައިގަންނަމުންދާާ މީހުން ހޯދުމަށް ކުރަމުންދާާ މަސައްކަތް ފާހަގަކޮށް ރައްޔިތުންނާާއި ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.
މި ބަޔާނުގައި ވަނީ މާާތްވެގެންވާާ އިސްލާމްދީނުގެ ހައިބަތާއި ގަދަރު ގެއްލުވާލާ، ހަރުކަށި އަމަލުތަކަށް ހިތްވަރުދީ ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅަށް ދީނީ އިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށްވެސް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް