ޔާމީންގެ ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދެއް ނުކުރާނެ: ޖޭޕީގެ ރައީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާ އެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީޙުގެ އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭކަމަށެވެ. އެގޮތުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް މަޖިލީހުގައި ތިބެންޖެހޭނެކަމަށް އަލީވަހީދު ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ހިންގަންދަތިވާނެކަމަށްވެސް އަލީވަހީދު ފާހަގަކުރެއްވިއެވެ. އަދި ޖޭޕީއިން ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ނެރޭ ކެނޑިޑޭޓުންނަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ނިންމާފައި ނުވާކަމަށެވެ. އިދިކޮޅު ކެނޑިޑޭޓަކަށް ތާއީދުކުރަން ޖޭޕީ އިން ނިންމި ނަމަވެސް އެބޭފުޅަކަށް އޭނާ ތާއީދެއް ނުލިބޭނެ ކަމަށް އަލީވަހީދު ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ އާންމު މެންބަރުންގެ އިތުރުން ކައުންސިލްގެ ގިނަ މެންބަރުންވެސް ތިބީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމުހޫރީ ޕާޓީއިން ނިންމާފައި ނުވާކަމަށް އަލީ ވަހީދު ވިދާޅުވެފައިވާއިރު، ޕީޕީއެމް ޕީއެންސީގެ އިސްފަރާތްތަކުން އަންނަނީ ގާސިމް އިބްރާހިމް އެބޭފުޅުންނާއިކު މަޝްވަރާކުރައްވާ އެބޭފުޅުންނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅުންގެ މިވާހަކަތައް ޖޭޕީގެ ބައެއް އިސްފަރާތްތަކުން ދޮގުކުރި ނަމަވެސް ގާސިމް ދޮގުކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް