ވައްޑެ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވައްޑެ ހައްޔަރު ކުރީ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މަޖިލީހުގެ އިިދާރާގެ ފާރުމަތިން ގޯތިތެރެއަށް އޭނާ ވަތް މައްސަލައިގައެވެ.
އޭނާގެ އިތުރުން މަޖިލީހުގެ އިދާރާގެ ފާރުމަތިން އެރި ބައެއް މެންބަރުންގެ މައްޗަށް ދައުވާކޮށްފައިވެއެވެ.
މަޖިލިސް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕީޖީ މެދުވެރިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް ވައްޑެ ހައްޔަރުކުރީ ކޯޓު އަމުރަކާ ނުލައެވެ.
އެމައްސަލަ ވައްޑެގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލައިގައި އިއްޔެ އެކޯޓުން ހުކުމްކޮށްފައިވަނީ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާ އިރު، އޭނާގެ ގޮނޑި ގެއްލުނު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވަނިކޮށް، އެ މައްސަލާގައި ގޮތެއް ނުނިމެނީސް، އިމްތިޔާޒުތަކާ ބެހޭ ގާނޫނުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ހައްޔަރު ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
ނަމަވެސް އެމައްސަލައިގައި ފަނޑިޔާރު މުހައްމަދު ނިޔާޒު ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވި ގޮތުގައި އިންތިހާބުވާ ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން 2017ގައި ހުކުމް ކޮށްފައި އޮތަސް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ)ގައި ސިޔާސީ ޕާޓީއަކުން ވަކި ކުރިޔަސް މަގާމު ނުގެއްލޭނެ ކަމަށް ބުނާ މާއްދާ ބާތިލުކޮށްފައެއް ނުވެއެވެ.
އެހެންކަމުން ވައްޑެ ހައްޔަރު ކުރެވޭނީ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް