ކޯޓުތަކުގެ އަގުވެއްޓެނީ އިންތިޚާބުތަކަށް ނުފޫޒުފޯރުވާތީ: ރައީސް ނަޝީދު
ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓޭ އެއް ސަބަބަކީ އިންތިޚާބުތަކަށް ނުފޫޒުފޯރުވުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރައިމަރީތަކުގައި ބަލިވާ ފަރާތްތަކުން އިންތިޚާބުތަކުގައި ވާދަކުރުމާއި މެދު އެއްވެސް ހުރަހެއް ނެތްކަމަށްބުނެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓްތަކުގެ އަގު ވެއްޓި، އިތުބާރު ގެއްލޭ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން ނުފޫޒު ފޯރުވާތީ ކަމަށެވެ.
އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސްޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ސުޕްރީމްކޯޓުގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މެންބަރަކު ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަނަށް ހުށަހަޅައިފިނަމަ، ކޮމިޝަނުން އެމީހެއްގެ ކެންޑިޑެންސީ ބާތިލް ކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ.
މިފުރުސަތަކީ ހަމައެކަނި ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބު ފަރާތްތަކަށް އެކަނި ހުޅުވާލަން ޖެހޭ ފުރުސަތެއްކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް