އެމްއެމްޕީއާރްސީގެ މައްސަލަ އެފްއައިޔޫއިން ނިންމީ ފުލުހުންނަށް ނުފޮނުވަން؟
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަފްސީލްތައް މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އަށް 2014ވަނަ އަހަރު ލިބުނުއިރު، އެ މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ނުފޮނުވާކަން ފަޅާއަރައިފިއެވެ.
މިކަން ހާމަވެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިރީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އަށް ލިބިފައިވާ އެސް.ޓީ.އާރގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެނގެން އޮންނައިރު، އެ މައްސަލަ އިތުރަށް ތަހްޤީޤުކުރުމަށް ތަޙްޤީޤީ އިދާރާއަކަށް ފޮނުވާފައި ނުވަނީ ވަކިފަރާތެއްގެ ނުފޫޒުންކަމަށް ކުރެވޭ ތުހުމަތާގުޅޭ މައްސަލައިގެ ތަހުގީގު ރިޕޯޓް މިއަދު އާންމުކުރުމުންނެވެ.
އެ ރިޕޯޓްގައިވާ ގޮތުގައި އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުންޏާއި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފް.އައި.ޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ކަމެއް ހިނގުމުން އެ މަޢުލޫމާތު އެކަމާ ގުޅޭ ތަޙުޤީޤީ އިދާރާއަކަށް ފޮނުވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު އެފް.އައި.ޔޫގެ ހެޑްއަށް ލިބިގެންވާކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލަ ފުލުހުންެގެ ތަހުގީގަށް ނުފޮނުވުމަށް އެފްއައިޔޫގެ އޭރުގެ އިސްވެރިޔާ އާތިފް ޝުކޫރު ނިންމިކަމަށް އޭސީީސީގެ ރިޕޯޓްގައިވެއެވެ.
"އެ ރިޕޯޓްގައިވާ ކަންތައްތައް ތަހުޤީޤުކުރަން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވުމަށް ނިންމާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ރިޕޯޓް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، އެފް.އައި.ޔޫގެ އެނަލިސިސް ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އެފް.އައި.ޔޫގެ އޭރުގެ ވެރިޔާކަން އޭނާގެ އިޢުތިރާފުންނާއި، މި މައްސަލައިގެ ތަހުޤީޤަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ"، އޭސީސީގެ ރިޕޯޓްގައިވެއެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ނުފޮނުވަން ނިންމީ އޭރުގެ ގަވަރނަރ އަޒީމާ އާދަމްގެ އިރުޝާދުގެ ދަށުންކަމަށް އާތިފް ޝުކޫރު އޭސީސީގެ ތަހުގީގަށް ދިން ބަޔާނުގައި ވަނީ ބުނެފައެވެ. އަޒީމާ ވަނީ އެކަން ދޮގުކޮށްފައެވެ.
މި މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ އާތިފް ޝުކޫރުގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް