ފަޒީލް ހައްޔަރުކުރަން ނެރުނު އަމުރެއް ހައިކޯޓުން ބާތިލްކޮށްފި
މިއަހަރުގެ ފެބްރުއަރީމަހު ބަންޑުންޖަހާލައިގެން އުމުރުން 19އަހަރުގެ ޝިމާ ނާފިޒް ގެއްލުނު ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލް ހައްޔަރުކުރަން ނެރުނު އަމުރެއް ބާތިލްކޮށްފިއެވެ.
ހައިކޯޓުން ބާތިލްކޮށްފައިވަނީ މީހަކަށް ބިރުދެއްކި މައްސަަލައަކާއި ގުޅިގެން ފަޒީލް ހައްޔަރުކުރުމަށް ހުޅުމާލެ ކޯޓުން ނެރުނު އަމުރެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ފަޒީލް ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއީ ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފޭރުމުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ. އޭރު ފުލުހުން ބުނީ 44 އަހަރުގެ މީހެއް ރަހީނުކުރުމަށްފަހު 8،900 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.
އަދި އޭނާ ދޫކޮށްލީ އިތުރަށް ފައިސާ ދިނުމަށް އެއްބަސްކުރުވުމަށް ފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލާގައި ފުލުހުން ފުރަތަމަ އޭނާ ހޯދަން މަސައްކަތް ކުރީ ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރަކަށެވެ. ނަމަވެސް މި އަމުރު ނެރުނު އިރު އޭނާ ފިލައިގެން އުޅުމާއި ގުޅިގެން އޭނާ ހައްޔަރުކުރީ ހުޅުމާލެ ކޯޓުން ނެރުނު އަމުރަކަށް ހުޅުމާލެއިންނެވެ.
ހުޅުމާލެއިން އޭނާ ހައްޔަރުކުރި މައްސަލަ އިސްތިއުނާފު ކުރީ ހުޅުމާލެ ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި މުޅިން ހިލާފަށް ނެރުނު އަމުރެއް ކަމަށްބުނެއެވެ.
އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މާލޭ ސަރަހައްދުން ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތު ޖަހަން ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށް ކަމަށް 2016ވަނަ އަހަރުގެ ޖުލައި 7 ގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.
އަދި ފަޒީލްގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި ހަމައަށް ވެސް އެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް