އެންސްޕާ އާއި ހަވާލުވުމާއެކު މިނިސްޓަރ ޝިދާތާ އާންމުންގެ ގެތަކަށް!
ސަރުކާރުން ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ގިނަ ސްކީމްތަކެއް ތަޢާރަފުކޮށް ކުރިއަށް ގެންދާ އިރު، އެ ފަދަ ސްކީމްތަކުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ، ފައިދާކުރާ މިންވަރު ދެނެގަތުމަށް ޓަކައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ބައެއް ގޭގެއަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.
އެ ގޮތުން މާލެއާއި ވިލިމާލޭގެ ހަތަރު ގެއަކަށް އެ ކަމަނާ މިއަދު ޒިޔާރަތްކުރައްވައިފައިވާ އިރު، މިނިސްޓަރގެ އަރިހުގައި މިނިސްޓްރީން އެކުލަވައިލައިފައިވާ އިންޓަރވެންޝަން ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އިންޓަރވެންޝަން ކޮމިޓީއަކީ ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ، އެ ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން އުފައްދައިފައިވާ ކޮމިޓީއެކެވެ.
މި ޒިޔާރަތް ޚާއްޞަކުރެވިފައި ވަނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ގޮންޖެހުންތައް ހުރި މާލީ ތަނަވަސްކަން ކުޑަ، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނި ދަރިން ބަލަހައްޓާ ފަރާތްތައް ދިރިއުޅޭ ޢާއިލާތައް ހިމެނޭ ގެތަކަށެވެ.
މި ޒިޔާރަތުގައި މެޑިކަލް ވެލްފެއަރއާއި، ހުސްނުވާ އާސަންދަ ސްކީމާއި، އުމުރުން ދުވަސްވީ މީހުންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ދާންމަތިވެފައިވާ ދޮށީ އުމުރުގެ މީހުންނަށް ކުރިއަށް ގެންދާ ހޯމް ވިސިޓިންގ ޕްރޮގްރާމާއި، ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަޤީރު ޙާލަތުގައި ދިރިއުޅެމުން މައިން ބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ފަދަ ގިނަ ސްކީމްތަކެއް ތަޢާރަފުކުރެވިފައިވާ އިރު، މި ފަދަ ސްކީމްތަކުން ޢާއިލާތަކަށް މަންފާކުރާ މިންވަރު ދެނެގަތުމާއި، މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ ޙައްލުކުރުން ހިމެނެއެވެ.
މީގެ ކުރިން ބާޒާރުމަތީ ސަރަޙައްދުގައި ބައެއް މީހުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ ސަލާންޖަހާ ކަން ފާހަގަކުރެވިފައިވާތީ، މިނިސްޓަރ ޝިދާތާ ވަނީ އެ ފަރާތްތަކާ ބައްދަލުކޮށް، ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް