ބަޖެޓް ފާސްވުމުން ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ދުވަސް އިއުލާންކުރާނެ: އަމީން
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްވުމުން، ތ. ތިމަރަފުށީގައި އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ވަކި ދުވަހެއް އިއުލާން ކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.
ތިމަރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައި އަދި މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ހޮސްޕިޓަލް އަޅާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން ހޮސްޕިޓަލްގެ ކުރެހުން ކައުންސިލަށް ހުށަހަޅައި، އެޕްރޫވްކޮށް، އަދި ހޮސްޕިޓަލް އިމާރާތްކުރުމަށް ބިންވަކިކުރުމަށްފަހު، މިހާ ތަނަށް އެއްވެސްއަމަލީ މަސައްކަތެ އް ފެށިފައި ނުވ ާތީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ބެލުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔުާޒު މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލު ކުރައްވައިފައެވެ.
ރިޔާޒުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީނު ވިދާޅުވީ، ތިމަރަފުށީގެ ސިއްހީ ތަރައްގީއަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅައިފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި އެއަދަދަކީ އެފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް ފާސްވުމުން ބަޖެޓްގެ ތެރެއިން ފަހިވެގެންދާ މިންވަރަށް ބަލައި ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ވަކި ދުވަހެއް ހާމަކުރައްވާނެ ކަމަށް އަމީނު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތިމަރަފުއްޓަކީ އެއާޕޯޓް އޮތް ރަށަކަށްވުމުން އެރަށުން ގިނަ ހިދުމަތް ލިބުމަށް އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭނެ ކަމަށެވެ. ސިއްހީ ހިދުމަތް ލިބުން ބިނާވެފައިވަނީ އަޅާ އިމާރާތަކުން ނޫން ކަމަށާއި ދެވޭ ހިދުމަތުގެ ސަބަބުން ކަމަށެވެ.
ސިއްހީ ހިދުމަތް ތަރައްގީ ކުރުމުގެ ތަސައްވުރާއެކު ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ފެށި ހިދުމަތް ދޭން ފެށުމުން އަތޮޅަށް ސިއްހީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް