އަންހެނެއްގައިގައި ކަޓަރުއަޅައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ހަމަލާދީ، ފައިސާ ފޭރުނު މައްސަލައިގައި 29 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އަލީ ޝައްމާހު ވަހީދެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ވަގުތު ސްޕާގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރިގަތް ކަމަށް ތުހުމަތުކުރެވެއެވެ.
މިފަދަ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ އަދި މާރާމާރީގެ 425 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް