ސީރިޔާގައި ހާލުގައި ޖެހިފައިތިބި ބައެއް ދިވެހިން ރާއްޖެއަށް ގެންނަނީ
ސީރިޔާގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިތިބި ބައެއް ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެމަނިކުފާނު ވިދާޅުވީ ސީރިޔާގައި ތިބި ދިވެހިންގެ ތެރެއިން ބައެއް މީހުންނަކީ އެތަނަށް މަޖުބޫރީގޮތުން ގޮސްފައިތިބި ކުޑަކުދިންނާއި އަންހެނުން ކަމަށެވެ. އެފަދަ ފަރާތްތައް ރާާއްޖެ ގެނައުމުގެ މަސައްކަތް އދ.އާއި ގުޅިގެން ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެފަރާތްތަކުގެ ކިބައިން ހަރުކަށި ފިކުރުތަކުގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވުމުގެ ބިރުއޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެފަދަ ފަރާތްތައް ގެނައުމުގެ ކުރިން ޑީރެޑިކަލައިޒޭޝަން ސެންޓަރެއް ގާއިމްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް