ރައީސް ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭ: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަލިހާލުކޮޅާއި ގުޅިގެން ހަދަންޖެހޭ ބައެއް ޓެސްޓްތައް، ރާއްޖެއިން ބޭރުން ހަދަން ޖެހިފައިވާކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީންގެ އާއިލާ އިން މައުލޫމާތުދޭ ގޮތުގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އިތުރަށް ހަދަންޖެހޭ ޓެސްޓުތަކަކީ ރާއްޖެ އިން ހެދޭނެ ޓެސްޓުތަކެއް ނޫން ކަމަށް ޑޮކްޓަރުންވެސް ލިޔުން ދެއްވާފައިވާކަމަށެވެ.
އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުން އެކަމާއި މެދު ސަމާލުކަން ދެއްވުމަށް އަދުރޭ ވަނީ ގޮވާލައްވާފައެެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ހިއްސާކުރި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިކަމުގައި އެއްވެސް އަލިމަގެއް އަދި މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭނެކަމަށް އަދުރޭ ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ބައެއް މީޑިޔާތަކާއި ވާހަކަފުޅު ދައްކަަވަމުން ވަނީ އެކަހަލަ މައުލޫމާތެއް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް