ނައިބު ރައީސް ފައިސަލް ޖޭޕީ ކެނޑިޑޭޓާ ދެކޮޅަށްނިކުމެ އެމްޑީޕީ ކެމްޕެއިންގައި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެމްޑީޕީގެ އެޖެންޑާ19 ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.
އެގޮތުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް ނަސީމް ވަނީ މިއަދު ލ. ގަމަށް ވަޑައިގެންފަ އެވެ.
ނައިބު ރައީސަށް ލ. ގަމުން މަރުހަބާ ދަންނަވާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ.
އޭގެ ފަހުން ނައިބު ރައީސް ވަނީ ގަމު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާ، ނޫސްވެރިޔާ މުހައްމަދު ވިސާމަށް ތާއިދު ހޯދުމަށް ބޭއްވި ވެހިކަލް ބުރެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ވިސާމަށް ތާޢީދުކޮށް ބޭއްވި ވެހިކަލް ބުރުުގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އިރު އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވައެވެ.
ގަމު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުކަން މީގެ ކުރިން ކުރައްވާފައިވާ އާސިފެވެ.
ވިސާމްގެ ކެމްޕެއިންގެ އިތުރުން ލ. ފޮނަދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މޫސާ ސިރާޖު ވާދަކުރައްވާ ފޮނަދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ތާއީދުކުރެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނިންމަވާފައެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ގާސިމް ތާއީދުކުރައްވަން ނިންމެވުމާއި އެކު ޖުމްހޫރީ ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ޖޭޕީގެ ރައީސް އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް