ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު އޭސީސީއަށް ބިރުދެއްކިކަމުގެ ތުހުމަތު!
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު، އޭސީސީއަށް ބިރުދައްކައި މަސައްކަތަށް ހުރަސްއަޅަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައިގެ ތަފްސީލްތައް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވަނީ ހާމަކުރައްވާފައެވެ.
ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިއުނާ ވިދާާޅުވީ މަގާމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ތަފާތު ފަރާތްތަކުން މެސެޖްކޮށް ފޯނުކޮށް ހަދާކަމަށާއި އެފަދަ ފޯނުތަކާއި މެސެޖްތަކަށް ޖަވާބުނުދެއްވާކަމަށެވެ.
އެގޮތުން މިސާލެއްގެ ގޮތުން ޝިއުނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ނަންގަވައި، ވަކިކަމާއި ގުޅޭގޮތުން ބިރުދެއްކުމުގެ މޭރުމަކުން ވާހަކަފުޅު ދެއްކެވިކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަކިކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރެވިދާނެކަމަށް ވިދާޅުވިކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ ސަމީރު ގުޅުއްވީ އޭސީސީން ބަލަމުންދާ ސްޓޭޓް މިނިސްޓަރެއްގެ މައްސަލައަކާއި ގުޅިގެން ހިތްހަމަޖެހިވަޑައިނުގެނެވެ.
"އެބޭފުޅާ އަޅުގަނޑަށް ގުޅާފައި ކޮންސާން ރެއިޒް ކުރެއްވީ ދައުލަތުގެ ފަތްކޮޅު އަރުއްވާފައި ހުރި ބޭފުޅަކާއި މެދު މީހޭ ކަންކުރަންވީ ގޮތަކީ. ދެން އެހެން ވާހަކަ ދެއްކުމުގައި ތެރޭގައި އަޅުގަނޑު ކައިރީ މި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަށް ވެސް އަންގާނަމޭ. ހިތްހަމަ ޖެހުން ފާޅު މިކުރެއްވީ ސްޓޭޓް މިނިސްޓަރަކާއި ގުޅޭ ޝަކުވާއެއް. އަޅުގަނޑުމެން އެބޭފުޅާ އަށް ހާޒިރުވާން އެންގީމާ" ޝިއުނާ ވިދާޅުވިއެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި ދާދިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސާ ޝިއުނާ ވަނީ އޭސީސީގެ މަސައްކަތަށް ހުރަސްއަޅާ ފަރާތްތަކުގެ ނަންތައް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ސަމީރު ރައީސް އޮފީހުގެ މިނިސްޓަރ ކަމުގެ މަގާމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ޝިއުނާގެ މި ވާހަކަފުޅާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މެންބަރުކަން އަދާކުރައްވާ މީކާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިއުނާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ކޮމިޓީގެ ބައްދަލުވުމުގައި ޝިއުނާ ވިދާޅުވެފައިވާތީވެ އެކަމާ ކަންބޮޑުވާ ކަމަށެވެ. އެ މައްސަލަ ރައީސް އޮފީހުން ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މީކާއިލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް