ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މީހަކު ޖަލުން ދޫކޮށްލެވުނީތީ ހިތާމަކުރަން: ރައީސް ސާލިހު
ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގައި މީހަކު ޖަލުން ދޫކޮށްލެވުނީތީ އެކަމާއި ހިތާމަ ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަކީ ކަންކަން އަަވަސް އަރުވާލައިގެން ނިންމަވާ ބޭފުޅެއް ނޫންކަމަށާއި ނަމަވެސް ވެރިކަމުގެ ކުރީކޮޅު ގާނޫނީ އިމުގެ ތެރެއިން ނިންމެވުނު ކަމަކާއި މެދު އަދިވެސް ހިތާމަކުރައްވާ ކަމަށެވެ. އަދި ނިންމެވުން އެގޮތަށް ނުނިންމެވުނު ނަމައޭ ހިތްޕުޅަށް އަރާވަޑައިގެންނަވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނު ހިތާމަކުރައްވާ ނިންމެވުމަކީ ޖަލުބަންދުގައި ހުރި މީހަކު މިނިވަންކުރެއްވުމެވެ.
ރައީސްގެ ވާހަކަފުޅުގައި އެއީ ކާކުތޯ ސީދާ ވިދާޅުވެފައި ނުވިނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގެ ކުރީ ދުވަސްކޮޅުގައި އެމަނިކުފާނު ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރައިއްބެ) ޖަލުން ދޫކޮށްލައްވާފައެވެ.
ހޯރައިއްބެ ޖަލުން ދޫކޮށްލެއްވިއިރު، އޭނާ ދިޔައީ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ. އެ ކުއްޖަކީ މިހާރު ހޯރައިއްބެގެ އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް