ރާއްޖެއަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ރަނގަޅު މިސާލެއް: ހައިކޮމިޝަނަރ
ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ރަނގަޅު މިސާލެއްކަމަށް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އދ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މެމްބަރު ޤައުމުތަކާއި އޮބްޒާވަރ ޤައުމުތަކާއިއެކު ޖެނީވާގައި ހުންނަ އދގެ އޮފީހުގައި އިއްޔެ ނުރަސްމީ ބައްދަލުވުމެއްގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުވުމަކީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ސެޝަންތަކުގެ ކުރިން އަބަދުވެސް ހައިކޮމިޝަނަރ ބާއްވަވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނަރ ބެޝެލޭ ވިދާޅުވީ ކުރިއަށް އޮތް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 42 ވަނަ ސެޝަންގައި އެކަމަނާ ދައްކަވާ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ވާހަކަތަކަށް އަލިއަޅުވާލައްވާނެކަމަށެވެ.
އަދި އަވަސް ފިޔަވަޅުތަކެއް ޤައުމުތަކުން ނާޅާއިފިނަމަ އދގެ 2030 އެޖެންޑާގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްނުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހައިކޮމިޝަނަރ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ދިވެހިރާއްޖެއިން އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި، އިންސާނީ ހައްޤުތަކާއި ބެހޭ މުޝީރަކު ދިވެހިރާއްޖެއަށް ފޮނުއްވުމަށް ދިވެހި ސަރުކާރުން އެދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގެ ރަނގަޅު މިސާލެއްކަމަށް އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއިން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ އެހީއަށް އެދިފައިވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިސްނަގައިގެންނެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބު ހާލާ ހަމީދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް