މިއަދުން ފެށިގެން ކުރިން ވިސާ ނެގުމާއި ނުލައި ދިވެހިންނަށް ރަޝިޔާއަށް ދެވޭނެ
މިއަދުން ފެށިގެން ރަޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ޚިދުމަތް ތައާރަފްކޮށްފިއެވެ.
މިއީ މިދިޔަ މަހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގެއި ލަވްރޯވްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައި، ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހުނު ޚިދުމަތެކެވެ. މި އެއްބަސްވުމުގައި ވާގޮތުގައި ރަޝިޔާއާއި ރާއްޖޭގެ ފަތުރުވެރިންނަށް އެއްގައުމު އަނެއްގައުމަށް ޒިޔާރަތްކުރުމުން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނީ ރަޝިޔާއަށް ފަތުރުވެރިންގެ ގޮތުގައި ދާ ދިވެހިންނަށް އެކަންޏެވެ. އެހެނިހެން ބޭނުންތަކުގައި އެގައުމަށް ދާ ދިވެހިން އަދިވެސް ދުރާލާ ވިސާ ނަގަންޖެހޭނެއެވެ.
ރަޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލްކުރަމުންދާ ގައުމެކެވެ. މި ވިސާގެ ލުއިފަސޭހަ ތަކާއި ގުޅިގެން އެގައުމުގައި ކިޔަވަން ތިބޭ ދިވެހީންގެ އާއިލާތަކަށް އެގައުމަށް ޒިޔާރަތްކުރުމަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް