ގއ. ވިލިގިލީގައި މަރުވެފައިއޮތް އައްޑޫ މީހަކު ޒަހަމްތަކަކާއެކު ފެނިއްޖެ
ޒަޚަމް ތަކަކާ އެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލީ ހަރުގެއެއްގެ ތެރެއިން ފެނިއްޖެ އެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދިންގޮތުގައި މިއަދު ހެނދުނު 7:00 އެހާކަންހާ އިރު އެރަށު ޕެޓްރޯލް ކުރި ފުލުހުންނަށް ޒަހަމްތަކަކާ އެކު މަރުވެފައި އޮތް 39 އަހަރުގެ ދިވެހި ފިރިހެނަކު ފެނިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ ވިލިނގިލީގައި ދިރިއުޅޭ ހުސައިން ސިމާދު ނަމަކަށް ކިޔާ އައްޑޫ މީހެކެވެ.
ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވަމުން ޝަމްވީލު މުހައްމަދު ވިދާޅުވީ ހެނދުނު 7:15ގައި ގެނުވުނު މީހާ ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ވޮއިސްއަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ސިމާދުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ކަރަންޓު ނުވަތަ އެފަދަ އެއްޗަކުން ޖައްސާފައި ހުރި ފަދަ ނިޝާންތަކެއްގެ އިތުރުން ކަރުގަ އާއި ހަށިގަނޑުގެ ބައެއް ތަންތަނުގައި އޭނާ އައްސާފައި ނުވަތަ ބަނދެފައި ހުރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކެއް ކަމަށް ހީވާ ޒަޚަމްތަކެއް ވެސް ފެންނާން ހުއްޓެވެ.
ފުލުހުންވެސް ވަނީ ފިހިފައި ހުރި ނިޝާންތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް މައުލޫމާތު ދެއްވާފައެވެ. މީގެ އިތުރު ތަފްސީލް ފުލުހުންނާއި ހޮސްޕިޓަލްގެ ފަރާތުންވެސް ހާމަކޮށްފައެއްނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް