ތެލެސީމިއާ ހުންނަ 8 ފަރާތެއް ނިޔާވި މައްސަލަ ބަލަން އެދިއްޖެ
ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި ތެލެސީމިއާ ބަލި ހުންނަ 8 ފަރާތެއް ނިޔާވި ސަބަބު ބެލުމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ގޮވާލައިފިއެވެ.
ތެލެސީމިއާ ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދެމަސް ތެރޭގައި ތެލެސީމިއާ ހުންނަ 8 ފަރާތެއް ނިޔާވެފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް، ކައިރި ކައިރީގައި ތެލެސީމިއާ ހުންނަ ފަރާތްތަކެއް ނިޔާވުމަކީ އާދައިގެ ކަމެއް ކަަމަށް ނުބަލާ، އެކަން ހިނގި ގޮތް ބަލައިދިނުމަށް ތެލެސީމިއާ ކޮމިއުނިޓީން އެދޭ ކަމަށްވެސް ބުނެފައިވެއެެވެ. އަދި އެއީ ތެލެސީމިއާގެ ވޭން ތަހައްމަލު ކުރާ ފަރާތްތަކުގެ ދިރިއުޅުމުގެ ހައްގު ރައްކާތެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް ގާނޫނުތަކުންނާއި ގާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް ކަމަށްވެސް ތެލެސީމިއާ ސޮސައިޓީން ވަނީ ބުނެފައެެވެ.
ތެލެސީމިއާ ސޮސައިޓީން ބުނީ 2013 ވަނަ އަހަރުގައި ރާއްޖެއަށް ތެލެސީމިއާ މާހިރުންގެ ޓީމެއް ގެނެސް، ރާއްޖޭގައި އެބަލީގެ ހާލަތު ދެނެގަތުމަށް އެސެެސްމެންޓެއް ހެދި ކަމަށެވެ. އެހެންނަމަވެސް އެ އެސެސްމެންޓުގައި ފާހަގަކުރި ކަންކަމަށް މިއަދާ ހަމައަށް އައިރުވެސް ހައްލެއް ހޯދިފައިނުވާކަން އެ ސޮސައިޓީން ފާހަގަކުރެއެވެ.
އަދި 2014 ވަނަ އަހަރުގައި ސަރުކާރުން ޑަބްލިޔުއެޗްއޯގެ އެހީގައި އަލުން އެ އެސެސްމެންޓް ތައްޔާރުކޮށް ހަމަ އެ ހޯދުންތަކާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ކަމަށްވެސް ބުނެފައިވެއެވެ.
ތެލެސީމިއާ ސޮސައިޓީން ބުނީ ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދޭ ފަރުވާއަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އޭގެ ތެރޭގައި ތެލެސީމިއާ ސެންޓަރުގައި ތެލެސީމިއާ ސްޕެޝަލިސްޓެއް ނެތުމާއި، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދޭ ފަރުވާ އުމުރާ އެއްގޮތަށް ބަދަލު ނުކުރުމާއި، ތެލެސީމިއާއަށް ދޭ ހާއްސަ ފަރުވާ ދޭނެ ސްޕެޝަލިސްޓުން މަދުކަމާއި، އަތޮޅުތެރެއާ މާލޭގައި ދޭ ތެލެސީމިއާ ފަރުވާ ތަފާތުވުމުގެ އިތުރުން ތެލެސީމިއާ ސެންޓަރާއި އައިޖީއެމްއެޗާ ދެމެދު ރިފަރަލް ނިޒާމެއް ނެތުން ފަދަ މައްސަލަތައް ތެލެސީމިއާ ސޮސައިޓީން ވަނީ ފާހަަގަކޮށްފައެވެ.
ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާއަށް އެދެވޭ ބަދަލެއް އައިސްފައި ނުވަނީ އެފަދަ ސަބަބުތަކާ ގުޅިގެން ކަމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް