ނިއުޕޯޓް ވިއު ހުސްކުރަން އަންގައިފި
ސިނަމާލެ ބްރިޖް ވިއުއިން ޕްލެޓްފޯމް ސަރަހައްދު ތަރައްގީކުރުމުގެ ބަދަލުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްއަށް ދިން ބިމުގައި ހުޅުވާފައިވާ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހުސްކުރަން އަންގައިފިއެވެ.
އެނގިފައިވާ ގޮތުގައި އެއްމަސްދުވަހުގެ ތެރޭގައި އެތަން ބަންދުކޮށް އެ ބިން ހައުސިންގ މިނިސްޓްރީއާއި ހަވާލުކުރުމަށް އެ ކުންފުންޏަށް ނޯޓިސްވަނީ ފޮނުވާފައެވެ.
އެތަން ހަވާލުކުރުމަށް އަންގާފައިވަނީ ގެއްލުމުގެ ބަދަލު ދޭގޮތަށް ކަމަށްވެއެވެ.
ބްރިޖް ޕްލެޓްފޯމް ސަރަަހައްދު ހުސްކުރަން ސަރުކާރުން އެންގީ އެ ސަރަހައްދު އާއްމުންނަށް ހުޅުވާލަން ބޭނުންވާތީއެވެ.
ނަމަވެސް ސްޓްރާޑާއިން ވަނީ އެއީ ސިޔާސީ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށްބުނެ، ބަދަލުހޯދުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ކުރުމަށް ނިންމާފައެވެ.
ސްޓްރާޑާ ކުންފުންޏަށް ބްރިޖް ޕްލެޓްފޯމު ސަރަހައްދު ތަރައްގީކުރަން ހަވާލުކުރި އިރު، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުރީ ޕީޕީއެމްގެ ކައުންސިލް މެންބަރ ޒާހިދު ރަމީޒެވެ. ނަމަވެސް ޒާހިދު މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާތީ، ޒާހިދު ވަނީ ކުންފުނިން ވަކިވެ ވަޑައިގަންނަވާފައެވެ. މިހާރު އެ ކުންފުނީގެ ވެރިޔަކީ ޒާހިދުގެ އަނބިކަނބަލުން މަލަކާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް