އެމްޓީޑީގެ ފުރަތަމަ ކެމްޕެއިން ދަތުރުން ތާއިދު ދައްކާލައިފި
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ފަރާތުން މިއަހަރުގެ މަޖިލިސް އިންތިޚާބަށް ކުރި ފުރަތަމަ ކެމްޕެއިން ދަތުރުންވެސް އެޕާޓީއަށް އޮތް ތާއިދު ފެނިއްޖެކަމަށް އެޕާޓީން ބުނެފިއެވެ.
މިގޮތުން އެޕާޓީގެ ނައިބު ރައީސް އަދި މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރ.މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ޔާމީން ރަޝީދު ވަނީ މިއަދުގެ ވަގުތެއްގައި ކެމްޕެއިން ދަތުރެއްގައި ރ.މީދޫއަށް ވަޑައިގެންފައެވެ.
ޔާމީން ރަޝީދުގެ އަރިހުގައި އެމްޓީޑީގެ ނައިބު ރައީސް ސާއިފް އަހުމަދުވެސް މީދޫއަށް ވަޑައިގެންނެވިއިރު، އެ ދެބޭފުޅުންނަށްވެސް މީދޫއިން ހޫނު މަރުހަބާއެއް ދެންނެވިކަމަށް އެމްޓީޑީން މައުލޫމާތުދެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޔާމީން ވިދާޅުވީ ޔާމީނާއި ޔާމީންގެ ޓީމަށް މީދޫން ކީ ހޫނު މަރުހަބާއަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ. އަދި މީދޫގެ ރައްޔިތުންގެ ކައިރިއަށް މިއައީ އުފާވެރި ހިނިތުންވުމަކާއި އެކުގައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް