ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ދޭ އިނާޔަތްތައް އިތުރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފުލުހުންގެ ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދީ ލިބޭ އިނާޔަތްތައް އިތުރުކޮށް ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.
މި އިސްލާހްތައް އިއްޔެ ގެޒެޓުގައި ޝާއިއުކޮށް މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.
މި ބަދަލުތަކުގެ ތެރެއިން ގަވާއިދަށް އިތުރުކުރި އައު މާއްދާއެއްގައި ވާޖިބު އަދާކުރަނިކޮށް ފުލުހަކު ނިޔާވެއްޖެ ނަމަ އެ ފުލުހެއްގެ އާއިލާއަށް ގަވާއިދުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކަށަވަރުކޮށްދޭން ލާޒިމުކޮށްފައިވެއެވެ.
ގަވާއިދުގެ 86 ވަނަ މާއްދާގެ (އ) އަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން ޚިދުމަތުގައި ނިޔާވާ ފުލުސް އޮފިސަރަކަށް ރޭންކުގެ ކުރިއެރުން ދީފި ނަމަ އެ އޮފިސަރެއްގެ އިނާޔަތްތައް ހިސާބުކުރާނީ ކުރިއެރުން ލިބުނު އައު ރޭންކުގެ މުސާރައިގެ މައްޗަށް ބިނާކޮށްގެން ކަމަށް ކަނޑައަޅައިފައިވެއެވެ.
މީގެ އިތުރުން ޚިދުމަތުގައި ނިޔާވާ ފުލުހެއްގެ ޖަނާޒާ ވަކި ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވުމުގެ ފުރުޞަތު ވެސް އައު ގަވާއިދުން ހުޅުވައިލައިފައިވެއެވެ. އެ ނިންމުން ނިންމާނީ ނިޔާވި ޙާލަތާއި ހާދިސާ ހިނގި ގޮތް އަދި ނިޔާވި މުވައްޒަފު އަދާކުރި ދައުރަށް ބެލުމަށް ފަހު އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް