ޖައްވު ގުގުމަންވީ ލުތުފީގެ ނަމަކުން ނޫން: އަލީ ވަހީދު
ޖައްވު ގުގުމަންވީ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީގެ ނަމުން ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރިންނާއި، ދަރިންގެ ދަރިންނަށް ކިޔައިދޭންވީ ޝަހީދު ހުސެއިން އާދަމް ފަދަ ބަތަލުންގެ ވާހަކަ ކަމަށެވެ. މިނިސްޓަރ އަލީ ވަހީދުގެ ޓްވީޓްގައި ވަނީ ޝަހީދުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި ލަވައިގެ ތަންކޮޅެއްވެސް ހިމަނުއްވާފައެވެ.
"ލެޔާ ކުޅެލުމުން ދިވެހި ލޮބުވެތި މި ބިމުގާ،
ޝަހީދުވި ދަރިން ދެއްކެވި އެމާތް ނަމޫނާ
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ" އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.
ޖައްވު ގުގުމަންވީ ލުތުފީގެ ނަމުން ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރރ ވިދާޅުވެފާއިރު، ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ވަނީ މާލެ ގެނެސްފައެވެ. ލުތުފީ އަކީ 19 ދިވެހިން ޝަހީދުކޮށްލި ނޮވެމްވަރު 3ގެ އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ.
2010 ވަނަ އަހަރުގައި ބޭސްފަރުވާ ކުރުމަށް އަވަށްޓެރި ސްރީލަންކާއަށް ދިޔަ ގޮތަށް ލުތުފީ ވަނީ ފިލާފައެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅިގެން ލުތުފީއަށް މަރުގެ ހުކުމް އިއްވާފައިވަނިކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ އޭނާގެ އަދަބު ލުއިކޮށްދީފައެވެ. އެހެންކަމުން، ލުތުފީ މިހާރު ތަންފީޒު ކުރަމުން ދަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
ފޮޓޯ: ސަންއޮންލައިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް