އެމްއެންޔޫ ފޮތް މައުރަޒު؛ 3000 އަށް ވުރެ ގިނަ ތަކެއްޗާއެކު ހުޅުވައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު 2026 ތިން ހާހަށް ވުރެ ގިނަ ތަކެއްޗާއި ކުޑަކުދިންނަށް ޚާއްޞަ ގޭމްތަކާއެކު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ރަސްމިއްޔާތުގައި އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓުގެ ދަށުން އާޝިއާ ލީލާ އަޙްމަދު ލިޔުއްވާފައިވާ "Eid of Joy In Maldives" ފޮތް ޝަރަފްވެރި މެހުމާނު ވަނީ ނެރެދެއްވާފައެވެ. މައުރަޒުގައި ދައްކާލާ ތަކެތީގެ ތެރޭގައި އެކި ދާއިރާތަކުގެ ފޮތްތަކާއި ޢިލްމު އުނގެނުމަށް ބޭނުންކުރާ ތަފާތު ސާމާނު ހިމެނެއެވެ.

ޖުމްލަ 42 ފަރާތަކުން ބައިވެރިވާ މި މައުރަޒުގެ ސްޓޯލްތައް ތިން ސަރަޙައްދެއްގައި ބަހައްޓާފައިވެއެވެ. އެއީ އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ކޯޓްޔާޑާއި ފޯޔަރާއި ބީ ބްލޮކްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ޕީއީ ހޯލެވެ. މައުރަޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނެގޭކަން ފާހަގަކޮށްލެވެއެވެ.

ފޮތް ލިޔާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތައް އެއް ތަނަކުން ބައްދަލުވާ މި މައުރަޒުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ލިޔުންތެރިންނަށް ހުނަރު ދައްކާލެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ޝާއިޢު ނުކުރެވި ހުރި ފޮތްތައް ޢާންމުންނާ ހަމައަށް ގެނެސްދިނުމާއި ފޮތް ކިޔުމުގެ އާދަ އާލާކުރުން ހިމެނެއެވެ.
މި މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 30 އިން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް