މިނިސްޓަރ ޝާހިދު ރަޝިޔާއަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި އެޤައުމަށް ފުރާވަޑައިގެންފިއެވެ.
މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ލަވްރޯފްއާއި ބައްދަކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެޤައުމުގެ ރައްޔިތުންނަށް އެއް ޤައުމުން އަނެއް ޤައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ދެޤައުމުގެ ޚާރިޖީ ވަޒީރުން ސޮއެކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިޔާއިން ލިބޭނެއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއިއެކު އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މަރިޔަމް އާސިފްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް