ޖިންސީ ގޯނާ ހުއްޓުވުމުގެ ޤާނޫނު އިސްލާހުކުރުމުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި
ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުން އިޖްތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މިއަދު ބާއްވައިފިއެވެ.
ޤާނޫނު ނަންބަރު 2014/16، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަކީ މަސައްކަތުގެ މާހައުލާއި، ތަޢުލީމީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެހެނިހެން އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރައާއި ގޯނާގެ ޢަމަލުތައް މަނާކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނެކެވެ.
އަދި މިޤާނޫނުގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ކަންކަން ހުއްޓުވުމުގައި އެކި ފަރާތްތަކުގެ ޒިންމާ ބަޔާންކުރުމާއި، އެފަދަ ކަންކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅިފައިވެއެވެ.
އެގޮތިން މިއަދު އެ ވުޒާރާގައި ކުރިއަށްދިޔަ މި ޤާނޫނު އިސްލާޙްކުރުމުގެ ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިޞްލާޙުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަ ކުރުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި ޤާނޫނު ތަންފީޒު ކުރުމުގަ މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކޮށް މުވައްޒަފުންނަށް ރައްކާތެރި ޤަދަރުވެރި އަދި ހަމަހަމަ އުސޫލަކުން މަސައްކަތްކުރާ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމަކީ ވެސް މަޤްސަދެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެގޮތުން، މި ބައްދަލުވުމުގައި ވަނީ އެ ޤާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ޤާނޫނަށް ގެންނަށް ފެންނަ މުހިއްމު އިޞްލާޙުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ޤާނޫނުގެ ތަންފީޒީ މަރުޙަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތްކުރެވިފައިވަނީ، އަލިފް ލޯ ޗެމްބަރސްއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއިއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް