ހިޔާ ފްލެޓުތަކުގެ ކުލި މަހަކު އެގާރަހާސް ރުފިޔާ
ނިމިދިޔަ ރައީސް ޔާމީން ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަންފަށާފައިވާ 7000 ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 11،000 ރުފިޔާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ފްލެޓްގެ މަސައްކަތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ ޑެޕިއުޓީ އެމްޑީ އަހުމަދު އާތިފް ވިދާޅުވީ ޑިޒައިނަށް ގެނައި ބަދަލުތަކާއެކު ހިޔާ މަޝްރޫއުގެ ޖުމްލަ އަގު 434 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި ޔުނިޓެއްގެ އަގު 82،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށާއި ފްލެޓަކަށް ކޮންމެ މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.
މީޑީއާއާއި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ ސުހައިލު ވިދާޅުވީ 7000 ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗާ އަށް ބޮޑެތި ބަދަލުތަކެއް މިހާރު ނެގެސްފައިވާ ކަމަށާއި، އެ ޕްރޮޖެކްޓް ނިމޭއިރު ހުންނާނީ 6860 ފްލެޓް ކަމަށެވެ.
ސުހައިލު ވިދާޅުވީ މިހާރު ހުރިހާ ހަރަދުތަކެއް ހިމެނިގެން މި ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. މި ޕްރޮޖެކްޓަކީ ފައިނޭންސް ކުރުމަށް 100 ޕަސަންޓު ދަރަނީގެ ގޮތުގައި ނެގޭ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ޗައިނާގެ ސީސީސީއާ ހަވާލުކުރީ 20 ޖުލައި 2016 ގަ އެވެ. އެ މަޝްރޫއުގެ އަމަލީ ގޮތުން އެ މަސައްކަތް ފެށީ 20 ޑިސެމްބަރު 2017 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް