N/A
N/A
ދުނިޔެ 29 Sep 2026 | 04:18

ހުއްދަނެތި އެހެން ކުންފުންޏެެއްގެ ޓެކްނޮލޮޖީ ބޭނުންކުރި މައްސަލައެއްގައި އެޕަލް ކުންފުނި 5.7 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެހެން ކުންފުންޏެއްގެ ހުއްދައަކާ ނުލައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރި ކަމަށް ސާބިތުވެ، މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން 5.7 ބިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ދިނުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އޯޑިއޯ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެއް ކަމަށްވާ "ޓެކްޝަން ޓެކްނޮލޮޖީ" އިން 2021 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ. އެ ކުންފުނިން ދައުވާކޮށްފައިވަނީ، މެސެޖެއް ލިބުމުން ނުވަތަ ފޯނުގެ ބަޓަނަކަށް ފިއްތާލުމުން ވާ ވައިބްރޭޝަން ނުވަތަ "ހެޕްޓިކްސް ސިސްޓަމް" އާ ގުޅޭ ދެ ޕޭޓެންޓަކަށް އެޕަލް އިން ނަގާފައިވާ ކަމަށް ބުނެއެވެ. މި ޓެކްނޮލޮޖީއަކީ އައިފޯނާއި އެޕަލް ވޮޗް ފަދަ ޑިވައިސްތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.

ހެޕްޓިކްސް ޓެކްނޮލޮޖީއަކީ ވައިބްރޭޝަން މެދުވެރިކޮށް އަތްލުމުގެ އިހުސާސް (ސެންސް އޮފް ޓަޗް) ގެނެސްދީގެން ޑިވައިސްތަކާ މުއާމަލާތް ކުރުމަށް މަގުފަހިކޮށްދޭ ޓެކްނޮލޮޖީއެކެވެ. މިއީ މި ޒަމާނުގެ ސްމާޓްފޯނުތަކާއި، ގަޑިތަކާއި އަދި ވީޑިއޯ ގޭމް ކޮންޓްރޯލަރުތަކުގައި ކޮންމެހެން ބޭނުންކުރާ މުހިންމު ސިފައެކެވެ. އެޕަލް ކުންފުނިން "ޓެޕްޓިކް އިންޖިން" ގެ ނަމުގައި މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފުކުރީ 2014 ވަނަ އަހަރު އެޕަލް ވޮޗްގައެވެ.

ހެޑްފޯނާއި ގޭމިން ހެޑްސެޓް އުފައްދާ ޓެކްޝަން ކުންފުނިން ބުނެފައިވަނީ، އެޕަލް އިން އެ ކުންފުނީގެ ޑިވައިސްތަކުގެ ވައިބްރޭޝަން ސިސްޓަމަށް ގެނައި ކުރިއެރުންތަކަކީ 2020 ވަނަ އަހަރު ޓެކްޝަން އަށް ލިބިފައިވާ ޕޭޓެންޓްތަކަކަށް އަރައިގަނެގެން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. އަދި އެއްވެސް ހުއްދައެއް ނެތި އެޕަލް އިން ވަނީ އެ ކުންފުނީގެ އީޖާދުގެ ނާޖާއިޒު ފައިދާ ނަގާފައި ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައިގައި 2023 ވަނަ އަހަރު ސެން ޑިއޭގޯގެ ފަނޑިޔާރަކު އެޕަލްއާ އެއްކޮޅަށް ނިންމި ނަމަވެސް، ފެޑެރަލް އެޕީލް ކޯޓުން މި މައްސަލަ ބަލައި، ކެލިފޯނިއާގެ ދެކުނު ޑިސްޓްރިކްޓް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތަށްފަހު ނިންމީ ޓެކްޝަން ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު ނެރުނު މި ހުކުމުގައި ޖަޖުން ފާހަގަކޮށްފައިވަނީ އެޕަލް އިން ގަސްދުގައި މި ޕޭޓެންޓްތަކަށް ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މި ހުކުމާ ގުޅިގެން އެޕަލް ކުންފުނިން ވަނީ މި ނިންމުން ބަލައިނުގަންނަ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އެޕަލްގެ ތަރުޖަމާނު ވިދާޅުވީ، އެޕަލްގެ "ޓެޕްޓިކް އިންޖިން" އަކީ ޓެކްޝަންގެ ޓެކްނޮލޮޖީއާ މުޅިން ތަފާތު އެއްޗެއް ކަމަށާއި، މި ހުކުމަކީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ.

މިއީ ފަހަކަށް އައިސް ޕޭޓެންޓް މައްސަލަތަކުގައި އެޕަލް ކުންފުންޏާ ދެކޮޅަށް ނިމުނު މިފަދަ ފުރަތަމަ މައްސަލައެއް ނޫނެވެ. އެގޮތުން، ލޭގައި އޮކްސިޖަން ހުންނަ މިންވަރު ބަލާ ޓެކްނޮލޮޖީގެ ޕޭޓެންޓަކަށް އަރައިގަތް މައްސަލައިގައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް މެޑިކަލް ޓެކް ކުންފުންޏެއް ކަމަށްވާ "މަސިމޯ" އަށް 634 މިލިއަން ޑޮލަރު ދެއްކުމަށް ކޯޓުން އެޕަލްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ޕީއެޗްޕީގައި ފެނުނު ނުރައްކަލާއި ހެދި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެބްސައިޓުތައް އޮފްލައިންކޮށްފި
21 Oct 2026 ދުނިޔެ

ޕީއެޗްޕީގައި ފެނުނު ނުރައްކަލާއި ހެދި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެބްސައިޓުތައް އޮފްލައިންކޮށްފި

ޕީއެޗްޕީ ތައްޔާރުކުރާ ޑިވެލޮޕަރުން ބުނެފައިވަނީ، އެ ލެންގުއޭޖުގައި ވަރަށް ނާޒުކު ދެ ނުރައްކަލެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަންތައްތައް ހައްލުކުރުމާއެކު ވަގުތުން ވެބްސައިޓުތައް އަޕްޑޭޓް ކުރާނެކަމަށެވެ. ޕީއެޗްޕީ އަކީ އިންޓަނެޓުގެ ބޮޑު ބައެއް ބިނާވެފައިވާ ލެންގުއޭޖެއް ކަމުން، ގިނަ ވެބްސައިޓުތަކަކަށް ހަމަލާދެވިދާނެކަމުގެ ކަންބޮޑުވުން އުފެދިފައިވެއެވެ.

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
20 Sep 2026 ލައިފްސްޓައިލް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކު...